މިސްކިތްތައް މަރާމާތު ކުރުމަށް އެހީވުމުގެ ގޮތުން ފައިސާ އެއް ކުރުމަށް ހަފްތާއެއްހާ ދުވަހަށް ކުރިއަށް ގެންދިޔަ "މިސްކިތު ފަންޑުގެ" ޓެލެތޯން މިރޭ ނިންމާލި އިރު އެ ފަންޑަށް 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

މީޑިއާތައް ބައިވެރިވެގެން މިދިޔަ ހޯމަ ދުވަހު ފެށި ޓެލެތޯން މިރޭ 10:00 ޖެހިއިރު ވަނީ ނިންމައިލައިފަ އެވެ. ހުރިހާ މީޑިއާތަކުން އެއްފަހަރާ ވަގުތުން ގެނެސްދިން ޓެލެތޯން ނިންމާލި އިރު މިސްކިތު ފަންޑަށް އެކި ފަރާތްތަކުން 7.9 މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުޅި ފަންޑަށް ލިބުނު ރަސްމީ އަދަދެއް އިއުލާންކުރަން ތިން ދުވަސް ވަރު ނަގާނެ ކަމަށާއި ބީއެމްއެލްގެ އެކައުންޓާއި އެސްއެމްއެސް މެދުވެރިކޮށް ލިބިފައި ހުރި ފައިސާގެ އަދަދު އަދި މުޅިން ފައިނަލް ނުވާ ކަމަށެވެ.

"[ޓެލެތޯން] ނިމުނު އިރު ދައްކާފައި އެ ހުރީ އޭރަށް ގުނިފައި ހުރި ފައިސާގެ އަދަދު، އެކަމަކު އެއީ ރަސްމީއަދަދެއް ނޫން. ބޭންކާއި އެސްއެމްއެސް މެދުވެރިކޮށް ލިބިފައި ހުރި ފައިސާގެ އަދަދުތައް ފައިނަލް ކުރެވުނީމާ މުޅި އެއްކޮށް ލިބުނު ރަސްމީ އަދަދު ބުނެވޭނީ. އެކަމަށް ދެތިން ދުވަހެއް ވަރު ނަގާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިސްކިތު ފަންޑަށް ފައިސާ ހަދިޔާކުރަން ފަންޑް ފޮށިތައް އިސްލާމީ މަރުކަޒާއި ޓީވީއެމްގައި ބަހައްޓާފައި ހުރި އިރު ބީއެމްއެލްގައި އެކަމަށް ހާއްސަކޮށްފައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމާއި އަދި އެސްއެމްސްއިން ފައިސާ ހަދިޔާކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މިސްކިތު ފަންޑުގެ އަޕްޑޭޓް ރަސްމީކޮށް ގެނެސްދޭ އޮންލައިން ވެބް ސައިޓް، "ދި އިސްލާމްގައި" ހުރި ފައިސާ ލިބުނު ގޮތުގެ ތަފްސީލްތައް ދައްކާގޮތުން މިރޭގެ 8:00 ޖެހުމާ ހަމައަށް ފަންޑް ފޮށިތަކަށް 4.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު ބީއެމްއެލްގައި ހުޅުވާފައިވާ ހާއްސަ އެކައުންޓަށް ވަނީ 1.2 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ދިރާގު އެސްއެމްއެސް މެދުވެރިކޮށް 411،960ރ. ވަނީ ލިބިފަ އެވެ. ސީދާ މިނިސްޓްރީ އަށް ވަނީ 1.6 މިލިއަން ރުފިޔާ މިސްކިތްތަކަށް އެހީވުމަށް ހަދިޔާކޮށްފަ އެވެ. އަދި ބޭރު ފައިސާ މާރުކޮށްގެން ފަންޑަށް ވަނީ 20164ރ. ލިބިފަ އެވެ.

މީޑިޔާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޓެލެތޯން ނިމުނު އިރު އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އެ ފައިސާ ހަރަދުކުރާނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް އައު ކުރުމަށް ކަމަށެވެ.