އިނގިރޭސިވިލާތުގެ ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ހަރުދަނާކޮށް އަވަސްކުރުމަށް ޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގްރޭޓް ކުރުމަށް އިތުރު 32 މިލިއަން ޕައުންޑް އިންވެސްޓްކުރަން ނިންމައިފިއެވެ.

އެ ފައިސާ ޚަރަދު ކުރަން ނިންމައިފައިވަނީ މަސައްކަތުގެ މާހައުލު އިތުރަށް ރައްކާތެރިކުރުމަށާއި، ރޭލްވޭ މަރާމާތުކުރުމަށް ހޭދަވާ ވަގުތު މަދުކުރުމަށާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ހަރުދަނާކަން އިތުރުކުރުމަށް މަސައްކަތްކުރާ ކުންފުނިތަކަށެވެ.

އެ ފަންޑިން މެދުވެރިކޮށް ޔޫކޭގެ 98 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފައިވާއިރު އޭގެ ސަބަބުން 200 އަށްވުރެ ގިނަ ވިޔަފާރިތަކާއި ދިރާސާ މުއައްސަސާތަކަށް ފައިދާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މިއީ ސަރުކާރުން ޚިދުމަތްތައް ރަނގަޅުކޮށް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

އިނގިރޭސި ޑިޖިޓަލް ގަވަމަންޓް މިނިސްޓަރު އަލް ފެރިއަލް ކްލާކް ވިދާޅުވީ އޭއައި މެދުވެރިކޮށްގެން ޔޫކޭގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އޭގެ ސަބަބުން އިޤްތިޞާދު ކުރިއަރައި، ސަރުކާރުގެ ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރޭލުގެ ޚިދުމަތް ބެލެހެއްޓުމުގެ އައު ގޮތްތައް ހޯދުމާއި، ބަލިމީހުންނަށް ބޭސް ފޯރުކޮށްދިނުން ފަސޭހަކުރުން ފަދަ ކަންކަމަށް މި ޕްރޮޖެކްޓްތަކުން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަންޑު ލިބޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ވީ-ލެބް ލިމިޓެޑްއިން އިމާރާތްކުރުމުގެ ދާއިރާއަށް ތަރައްގީކުރާ ސަލާމަތީ ތަމްރީނު ސިމިއުލޭޓަރެއް ހިމެނޭއިރު، މި ޕްރޮޖެކްޓަށް ސަރުކާރުން 165,006 ޕައުންޑް ދޫކުރަން ނިންމައިފައިވެއެވެ. މީގެ މަގުސަދަކީ މަސައްކަތްތެރިންނަށް ތަމްރީނު ދިނުމާއި، ނުރައްކާތައް ދެނެގަތުމާއި ސަލާމަތީ އުސޫލުތައް ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.

ރޭލްވޭ މަރާމާތުކުރުން ހަރުދަނާކުރުމަށް ހެކް ޕާޓްނާސްއިން ކުރާ މަސައްކަތަށް ވެސް ސަރުކާރުން އިންވެސްޓުކުރަން ނިންމައިފައިވެއެވެ. އެ ސިސްޓަމުން މައްސަލަތައް ދެނެގަނެ، މަރާމާތުތައް ޝެޑިއުލްކުރެވޭނެއެވެ. މީގެ ސަބަބުން ރޭލްވޭގެ ޚިދުމަތްތައް ރަނގަޅުވެ، ޚިދުމަތަށް އަންނަ ހުއްޓުންތައް މަދުވާނެ ކަމަށް އުންމީދުކުރެވެއެވެ.

ލޮޖިސްޓިކްސް ދާއިރާގެ ޕްރޮޖެކްޓްތަކަށްވެސް ފަންޑު ދޫކުރާއިރު، މީގެ މަގުސަދަކީ ސަޕްލައި ޗެއިންގައި ދިމާވާ ދަތިތައް މަދުކުރުން ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. މިގޮތުން ރޮބޮކް ލިމިޓެޑްއިން ވެއާހައުސްތަކާއި ގުދަންތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އޭއައި ސިސްޓަމެއް ތަރައްގީކުރުމަށް ކުރަމުން ދާ މަސައްކަތަށް ފައިސާ ދޭން ހަމަޖެހިފައިވެއެވެ.