ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ފައިނަލުން ބްރެޒިލް އާއި އެމެރިކާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ބްރެޒިލް ޖާގަހޯދީ ސެމީފައިނަލުގައި ސްޕެއިންއާ ބައްދަލު ކުރި މެޗު ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއިންނެވެ. ނަމަވެސް މިމެޗުގައި ފެނިގެންދިޔައީ ސްޕެއިނަށް ބްރެޒިލްގެ ޑިފެންސް ފޫއަޅުވާލުމުގައި ދަތިތަކާ ކުރިމަތިވަމުންދިޔަ ތަނެވެ.

ބްރެޒިލުން މިމެޗު ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. ނަތީޖާ އަކަށްވީ މެޗުގެ ހަ ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމެވެ. ނަމަވެސް މިލަނޑު ވެގެންދިޔައީ ސްޕެއިންގެ އައިރީން ޕަރެޑޭސް އަތުން ބައިކޮޅަށް ވަން ގޯލަކަށެވެ. މިމެޗުގައި ބްރެޒިލުން ކާމިޔާބު ކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޖަހައިދީ ލީޑު ފުޅާކޮށްދިނީ ގެބީ ޕޯޓިއޯއެވެ.

މިމެޗުގައި ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖަހާދިނީ އެޑްރިއާނާއެވެ. މިމެޗުގައި ސްޕެެއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑުވެސް ވެގެންދިޔައީ ބްރެޒިލްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކަށެވެ.

މިލަނޑު ވަދެފައިވަނީ ޑޫދާ ސަމްޕާއިއޯ އަތުންނެވެ. މިމެޗުގައި ބްރެޒިލުން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކެރޮލީން ކާމިޔާބުކޮށްދިން އިރު ސްޕެއިން އިން ކާމިޔާބު ކުރި ފަހު ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައި ސަލްމާ ޕަރަޔުއޭލޯއެވެ. ބްރެޒިލް އަންހެން ޓީމަށް މިހާތަނަށް އޮލިމްޕިކްސްގައި ރަން މެޑަލް އެއް ހާސިލް ކުރެވިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ބްރެޒިލުން ފައިނަލްގެ ޖާގައެއް ހޯދާފައިވާއިރު ފައިނަލްގައި އެޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 2004 އަދި 2008 ވަނަ އަހަރުގެ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ފައިނަލްގައި ވާދަކުރި އެމެރިކާ އާއެވެ. އެ ދެފަހަރުވެސް ރަން މެޑަލް ހާސިލް ކޮށްފައިވަނީ އެމެރިކާއިންނެވެ.

މިމުބާރާތުގެ ފައިނަލުން އެމެރިކާ ޖާގަހޯދީ ސެމީފައިނަލްގައި ޖަރުމަނުވިލާތާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ކާމިޔާބު ކުރި ލަނޑާއެކު އެއް ލަނޑު ސުން ލަނޑުންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސޯފިއާ ސްމިތުއެވެ. މިއީ 2012 ވަނަ އަހަރަށްފަހު މިމުބާރާތުގެ ފައިނަލުން އެމެރިކާއަށް ޖާގަލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.