ފުލުހަކަށް ހެދިގެން ބިދޭސީންތަކެއްގެ އަތުން ފޭރެން މަސައްކަތް ކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ ޏ. ފުވައްމުލައް، ޑްރީމްގާލް ޝިރާޒު ހަބީބު، 26އ. އެވެ. ފުލުހުން ބުނީ އޭނާ އަކީ ޑީޕީއާރުއެސްގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް ވައްކަމުގެ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމަށެވެ.

ފޭރެން ޝިރާޒު މަސައްކަތްކުރީ މުނީރު ހޮޓަލުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ދިރިއުޅޭ ތަނަކަށް މިއަދު ހަވީރު 5:30 އެހާކަން ހާއިރު ވަދެ އެތަނުގެ އެވަގުތު ތިބި ބިދޭސީންތަކަކަށް އޭނާއަކީ ފުލުހެއްކަމަށް ބުނެ ބިރުދެއްކުމަށްފަހުގައި ކަމަށް ފުލުހުންބުންޏެވެ. އަދި ބުނީ ފުލުހެއް ކަމަށް އޭނާ ދެއްކުމަށް ބޭނުން ކުރީ ޑީޕީއާރުއެސްގައި މަސައްކަތް ކުރި ދުވަސްވަރު އޭނާއަށް ދޫކޮށްފައިވާ އެތަނުގެ ކާޑެއް ކަމަށެވެ.

"އޭނާ އެ ކާޑް ދެއްކުމަށް ފަހު އެތާތިބި ބިދޭސީން ކައިރީ ބުނިކަމަށް ވަނީ މިއީ ފުލުހެކޭ، އެގޮތުން އޭނާ އެމީހުންނަށް ބިރުދައްކައި ފޭރެން މަސައްކަތް ކުރީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހަކަށް ހެދިގެން މީހަކު ފޭރެން މަސައްކަތް ކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ބައެއް މެންބަރުންވެސް ވަނީ ފުލުހުން އަގުވައްޓާލުމަށް ފުލުހުން ކަމަށް ހެދިގެން ބަޔަކު ވިޔާނުދާ އަމަލުތަކެއް ހިންގަމުން ގެންދާކަމަށް ތުހުމަތު ކުރައްވައި ވާހަކަދައްކައިވައިފަ އެވެ.

އަދި އާންމުގެ އަތުން ފޭރެން އުޅުނު ފުލުހުން ތަކެއް ދާދިފަހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.