ޣައްޒާ (7 އޮގަސްޓް 2024): ހަމާސް ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާގެ މަގާމަށް ޣައްޒާގައި ހުންނަވާ އެޖަމާއަތުގެ އިސްވެރިޔާ ޔަހްޔާ އައްސިންވާރު އައްޔަން ކުރުމަކީ ނުރައްކާތެރި ކަމެއްކަމަށާއި އެއީ ޖެއްސުމުގެ އަމަލެއްކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު ސިފައިންގެ އިސް ޖެނެރަލެއް ކަމަށްވާ އޫފަރު ވިންތަރު އެގައުމުގެ ސިފައިންގެ ރޭޑިއޯގައި ވާހަކަ ދައްކަމުން ބުނީ މިއީ ހަމާސުން އިސްރާއީލުގެ އަސްކަރިއްޔާއަށް ކުރި ޖެއްސުމެއް ކަމަށާއި ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އެމެރިކާއާއި އިސްރާއީލު އެދޭގޮތަށް ހަމާސުން ދީލާނުލާނެކަމުގެ މެސެޖް ދިނުމަކީ ސިންވާރު އައްޔަންކުރުމުގެ އެއް ބޭނުން ކަމަށެވެ. މިއީ އިސްރާއީލަށް ގޮންޖެހުންކަމަށް އޭނާ ސިފަކުރިއެވެ.

އަދި ހަމާސް ޖަމާއަތް ބަލިކަށި ނުވާކަމުގެ މެސެޖްވެސް އެޖަމާއަތުގެ ވެރިޔާގެ މަގާމަށް ސިންވާރު އައްޔަން ކުރުމުން ލިބޭކަމުގައެވެ. އިސްރާއީލުގެ ރަސްމީ މީޑީއާއިން ވެސް ވަނީ ހަމާސްގެ ވެރިކަމަށް ޔަޙްޔާ އައްސިންވާރު އައްޔަން ކުރުމުން ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ނަމަވެސް އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކާ އަދި ލުބްނާނުގެ ހިޒްބުﷲ އާއި އިރާގުގެ މުގާވަމާ ޖަމާއަތްތަކާއި ޔަމަންގެ ޙޫޘީންވަނީ ސިންވާރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ޔަހްޔާ އައްސިންވާރަކީ އިސްރާއީލުގެ އަނިޔާވެރި ޖަލުތަކުގައި ދިގުމުއްދަތެއް ހޭދަކުރައްވައި އަނިޔާ ލިބިވަޑައިގެންފައިވާ މުޖާހިދެކެވެ. އަދި ވަރަށް ޖެހިލުންކުޑަ ހިއްވަރުގަދަ ފަހުލަވާނެއްކަމަށް ފަލަސްތީނުގެ އިތުރުން އަރަބި ދުނިޔޭގައިވެސް ނަން މަޝްހޫރު ބޭފުޅެކެވެ. ހަމާސްގެ އިސް ލީޑަރުންގެ ތެރެއިން އިސްރާއީލު އެންމެ ޖެހިލުންވާ އަދި އެންމެ ބިރުގަންނަ ލީޑަރަކީވެސް ސިންވާރު އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ މޭސްތިރިޔާ ކަމަށްވެސް އިސްރާއީލުން ތުހުމަތު ކުރަނީ ސިންވާރުގެ މައްޗަށެވެ. އެހަމަލާތަކުގައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާއިރު އެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާއަށްވަނީ ކުއްލި ހައިރާންކަމަކާއި ކުއްލި ސިހުމެއް ލިބިފައެވެ. އެހަމަލާތަކަށް ވަގުތުން ރައްދު ދިނުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ފެއިލްވެފައެވެ.

ހަމާސްގެ ކުއްލި ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލުން ވަނީ ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް އަރައިގެންފައެވެ. ޣައްޒާއަށް އަރައިގަނެ އިސްރާއީލުން ހަމަލާދެނީ އާންމުންނަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ގެތަކާއި ރެފިއުޖީ ކޭމްޕްތަކަށެވެ. މަރަމުން ގެންދަނީ ކުޑަކުދިންނާއި އާންމުންނެވެ. ކޮންމެ ދުވަހަކު ހިންގަމުންގެންދަނީ ގަތުލުއާންމުތަކެވެ. މިގޮތުން އިސްރާއީލުވަނީ ޣައްޒާގެ އާންމުންގެ ތެރެއިން 40 ހާހަށްވުރެ ގިނަމީހުން ޝަހީދުކޮށްލައި ލައްކައަކަށް ވުރެގިނަމީހުން ޒަޚަމްކޮށްލާފައެވެ. އަދި ޣައްޒާގެ ގެތަކާއި އިމާރަތްތަކާއި އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ ތަޅައި ބިމާ ހަމަކޮށްލާފައެވެ.

މިއާއެކުވެސް ހަމާސް ބަލިކުރުމުގައާއި ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން ގަދަބާރުން މިނިވަންކުރުމުގައި އިސްރާއީލުގެ ބާރުގަދަކަމަށް ބުނާ އަސްކަރިއްޔާވަނީ މުޅިން ނާކާމިޔާބުވެފައެވެ. މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުން މިހާގިނަ އަދަދަކަށް މަރަނީ އިސްރާއީލުގެ އަސްކަރިއްޔާގެ މި ބަލިކަށިކަމާއި ނާކާމިޔާބީ ފޮރުވައި ބާރުހރިކަން ދެއްކުމަށެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތްކަމަށްވާ ހަމާސް ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަށް އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާއެއްގައި ތެހެރާންގައި އޭނާ އަވަހާރަވުމާ ގުޅިގެންނެވެ.

ހަމާސް ޖަމާއަތުގެ ސިޔާސީ އޮފީހުގެ ވެރިޔާގެ މަގާމަށް ޣައްޒާގައި ހުންނަވާ އެޖަމާއަތުގެ އިސްވެރިޔާ ޔަހްޔާ އައްސިންވާރު އައްޔަން ކުރިކަން އިއުލާނުކުރަމުން އިއްޔެ ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމަގަމާމަށް ސިންވާރު އައްޔަންކުރީ އެޖަމާއަތުގެ ކައުންސިލްގެ އިއްތިފާގުން ކަމުގައެވެ. ހަމާސް އަކީ ގިނަ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާތީ ބިޔަ ޖަމާއަތެކެވެ. ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެއް ނޫނެވެ.