07 Aug 2024, 13:40
އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ.
އެމެރިކާއަށް ޕްރީ ސީޒަން ޓުއާ ކުރަމުންދާ މި ދެ ޓީމު ބައްދަލުކުރި މެޗު ކުޅެފައިވަނީ ނޯތު ކެރޮލައިނާގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މިގޮތުން ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ރެއާލް އިންނެވެ.
މި ލަނޑު އެޓީމަށް ޖަހައިދީފައިވަނީ މެޗުގެ 19 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒްްގެ ހެރީތެރިކަމާއެކު ޑަނީ ސެބާޔޯސްއެވެ.
އަދި މިލަނޑު ޖެހިތާ އަށް މިނެޓްފަހުން ބްރަހީމް ޑިއާޒްވަނީ އިތުރު ލަނޑެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި ޖަހައިދިނީ ނޯނީ މަޑުއެކާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އޭނާގެ ޓީމުން މި ފަހަރުގެ ޕްރޯ ސީޒަންގައި ގިނަ ލަނޑު ތަކެއް ބައިކޮޅަށް ވަނުމުގެ ފުރުސަތު ދީފައިވާތީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.
ޗެލްސީއިން ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ބައިކޮޅަށް ވަނަދީފައެވެ. މި މެޗުގައި ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން އަދި ޓީމާއި ގުޅިފައިނބުވި ނަމަވެސް ވިނީޝިއަސް ޖޫނިއާވަނީ މި މެޗުގައި ކުޅެފައެވެ. އަދި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ.
މި މެޗު ވެގެންދިޔައީ މި ދެ ޓީމަށް ވެސް އެމެރިކާ ޓުއާގައި ކުޅުނު ފަހު މެޗަށެވެ. ޗެލްސީއިން ދެން ކުޅޭ މެޗުގައި މި އަންނަ އާދިއްްތަ ދުވަހު ބައްދަލުކުރާނީ އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓާ މިލާނާއެވެ.
މިފަހަރުގެ ސީޒަންގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއެވެ.
ރެއާލައަށް ބަލާލާއިރު އެ ޓީމު ދެން ކުޅޭ މެޗަކަށް ވެގެންދާނީ މިމަހުގެ 14 ވަަނަ ދުވަހު ޔުއޭފާ ސުޕާ ކަޕްގައި އެންމެ ފަހުގެ ޔުއޭފާ ޔޫރޮޕާ ކަޕްގެ ޗެމްޕިއަން އިޓާލިއަން ސެރީއާގެ އެޓަލާންޓާ އާއި ބައްދަލުކުރާ މެޗެވެ.