މުއްސަދިން ނުވަތަ ވިޔަފާރިވެރިންގެ އަތުން ނަގާ ޓެކުސްއިން ދީނީ އެކި އެކި ހަރަކާތްތަކަށް ވަކި މިންވަރެއް ކަނޑައަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ 27 ވަނަ ގައުމީ މުބާރާތުގެ އިނާމް ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑީން ވިދާޅުވީ ޓެކުސް ނެގުމަކީ ދުނިޔޭގައި ތަރައްގީވެފައިވާ ގައުމުތަކުގައި އޮންނަ ކަމެއް ކަމަށާއި އެގޮތަށް ނެގޭ ފައިސާގެ ބައެއް ދީނީ އެކި އެކި ހަރަކާތްތަކާއި އެހެނިހެންވެސް ކަންކަމަށް ކަނޑައަޅުމަކީ އުސޫލެއްގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މުއްސަދިންގެ އަތުން ނުވަތަ ވިޔަފާރި ކުރާފަރާތްތަކުގެ އަތުން ނަގާ ޓެކުސް އިން މިފަދަ ކަންތަށްތަށް[ދީނީ ހަރަކާތް] ކުރުމަށް ވަކި ހަރަދުތަކެއް ކަނޑައަޅައި އެކަންތައްތަށް އަޅުގަނޑުމެން ކުރަންއެބަޖެހޭ،" ޑީން ވިދާޅުވި އެވެ.

ދިވެހި ގައުމު، ގައުމެއްގެ ގޮތުގައި އޮންނާނީ، ދިވެހިން ގަބޫލުކޮށްގެން ތިބި މާތްވެގެންވާ އިސްލާމްދީން ފުރިހަމައަށް ދަމަހައްޓައިގެން ކަމަށްވެސް ޑީން ވިދާޅުވި އެވެ. އިސްލާމިކް މިނިސްޓްރީއަށް ކުރިމަތިވެފައިވާ ވަރަށްގިނަ ދަތިތައް ހުރިކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކަށް ފުދޭ ވަރަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ސަރުކާރުން މިފަދަ ކަންކަމުގައި ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެންމެ ފުރިހަމަ ގޮތެއްގައި ދޭނަން. އަދި އިސްލާމިކް މިނިސްޓްރީ އަށް ބޭނުންވާ ބަޖެޓް ހޯދައިދިނުމަށް އަޅުގަނޑު އަމަލީ ގޮތަށް ވެސް މަސައްކަތް ކުރާނަން." ނައިބް ރައީސް ވިދާޅުވި އެވެ.