07 Aug 2024, 12:15
"އިޝްފާން. ޒައިނާ ހަޅޭއްލަވާ އަޑާ ރޯ އަޑު އެބަ އިވޭ…" ހާސްވެފައި ސަވާ ބުނެލިއެވެ. އިޝްފާން އަވަސް އަވަހަށް ކޮޓަރިން ނުކުމެލިއެވެ. ސަވާ އާ ދެމީހުން ބޭރަށް ނުކުތްއިރު ނިހާދު ގޯތިތެރެއަށް ޒައިނާ ކޮށްޕާލަނީއެވެ.
"އޭތް ހަމަ މިހާރު ދުރަށް ދޭ." ހަޅޭއްލަވައިގަނެފައި އެ ދިމާލަށް ދުއްވައިގަތް އިޝްފާންގެ ލޭ ކެކިގަތެވެ. ރުޅިވެރިކަން އޭނާގެ ނަފްސު ހިސާރުކުރަމުން ދިޔަ ފަދައެވެ. ޒައިނާގެ އެ ވޭނީ ހަޅޭކާއި ރުއިމުގެ އަޑު އޭނާގެ ނަފްސަށް ވެސް ގުޑުން އަރުވައިފިއެވެ. ޒައިނާ ތަޙައްމަލް ކުރަމުންދިޔަ ވޭން އޭނާއަށް ތަސައްވަރު ކުރެވުމާއެކު، އެހިތަށް އުނދަގޫވިއެވެ.
އިވުނު އަޑާއެކު ނިހާދުވެސް އެ ދިމާލަށް ބަލާލިއެވެ.
"އެހެރަ އަންނަނީ ކަލޭގެ ލޯބިވެރިޔާ." ޗޮކެއް ކަނޑާލަމުން ނިހާދު ބުނެލިއެވެ.
ނިހާދު ބުރުގާ ދަމައިގަތް ގޮތުން ކަޝްފުވެފައިވާ ކަރުދޮށާއި، ބޯ ނިވާކުރަން މަސައްކަތް ކުރަމުން ޒައިނާ ދިޔައެވެ. ފިރިހެނަކަށް ވެ ހުރެ އަންހެނަކަށް އެހާ އަނިޔާވެރިވާން ނިހާދު ލަދެއް ނުގަނޭހެއްޔެވެ؟ އަންހެނުންނަށް ހިމާޔަތާ އޯގާތެރިކަން ދިނުމަކީ ފިރިހެނުންގެ މައްޗަށްވާ ވާޖިބެއް ނޫން ހެއްޔެވެ؟ އަނބިމީހާއަށް ހައްޤު އިޙްތިރާމާއި ލޯބި ދިނުމަކީ ފިރިއެއްގެ މައްޗަށް ވާޖިބެއް ނޫން ހެއްޔެވެ؟ އޭނާއަށް ކައިވެނި ކޮށްގެން މި ހުރިހާ ދުވަހު އެ އުޅެވުނީ ކޮން ކަހަލަ މީހަކާ ހެއްޔެވެ؟ އެ އަނިޔާވެރިޔާ ކިބައިން ވަރިވުމަށް އެހާ ދުވަސް ނެގީ ކީއްވެހެއްޔެވެ؟ ކުރިން އެ ހިތްވަރު ނުލިބުނީ ކީއްވެހެއްޔެވެ؟ އެ ދިމާލަށް އަންނަމުން ދިޔަ އިޝްފާން ފެނުމާއެކު، ޒައިނާގެ ހިތުގައި އިތުރަށް ޖެހޭ ގޮތްވިއެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި ތެދުވުމުގެ ހިތްވަރު އޭނާއަށް ދިނީ އިޝްފާންއެވެ. އިޝްފާންއާ ދިމާވެ ވާހަކަ ދެކެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި ހިތުގައި މާނަވީ ޖަޒުބާތުތަކެއް އުފެދެން މެދުވެރިވީވެސް އެހެންވެގެން ކަންނޭނގެއެވެ. މީގެ ކުރިން ދުވަހަކު މީހެއްގެ ކިބައިން ނުލިބޭފަދަ ޙަމްދަރުދީއެއް ލިބުނީމަ ބާއެވެ؟ އެހެންނަމަވެސް ދެރައީ އެ ގުޅުމާ މެދު އެއްވެސް އުންމީދެއް ނުކުރަން އިޝްފާން ބުނެފައިވާތީއެވެ. އެކަމަކު ކީއްވެހެއްޔެވެ؟ ސަބަބަކީ ކޮބައިބާވައެވެ. އެފަދަ ގޮތަކަށް ހިތް ހަލާކުކޮށްލާފައި ވެސް، އޭނާއަށް އަނިޔާވާ ކޮންމެ ފަހަރަކު އޭނާގެ ހިމާޔަތުގައި އިޝްފާން ނުކުންނަނީ ކީއްވެހެއްޔެވެ؟ ނިހާދުގެ ކިބައިން އޭނާ ސަލާމަތް ކުރަނީ ކީއްވެހެއްޔެވެ؟
"ކިތަންމެ ވަރެއް ކުރިޔަސް އަހަރެންގެ ލޯބިވެރިޔާ ކަމަކަށް ނުވާނެ. ނިހާދު އަހަންނަށް ބޭފަވާތެރިވިޔެއް ކަމަކު އަހަންނަކީ އެހާ ވިޔާނުދާ އަންހެނެއް ނޫން." ޒައިނާ އޭނާގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. އެ އަޑު ރީތިކޮށް ސަވާއަށާއި އިޝްފާންއަށް އިވުނެވެ. ބުރުގާ ރަނގަޅުކުރަމުންދިޔަ ޒައިނާގެ ދޮން ކަނދުރާއާ، އިސްތަށިގަނޑު ފުރަތަމަ ފަހަރަށް އިޝްފާންއަށް ފެނުނެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާ ގޮތްވި ނަމަވެސް، އޭނާ ނިކަން އަވަސް އަވަހަަށް ދުރުބަލާލިއެވެ. އެ ހައްޤު އޭނާއަށް ނެތްކަން އިޝްފާންއަށް އެނގެއެވެ. ސަވާ ޒައިނާގެ ބުރުގާ ރަނގަޅުކޮށްލަދީފައި، ތެދުވަން އެހީތެރިވެދިނެވެ.
ޒައިނާއަށް ނިހާދު ރައްދުކޮށްލި ހުތުރު ލަފުޒު އަޑު އިވުމާއެކު، އިޝްފާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ނިހާދުގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ.
"ދެވަނަ ފަހަރަށް ތި ފަދަ ލަފުޒެއް ކަލޭ ޒައިނާއާ ދިމާލަށް ނުބުނައްޗޭ!" އިޝްފާން ހީވަނީ ދެންމެ ދެންމެ ނިހާދު ގައިގައި ޖަހާފާނެހެންނެވެ.
"އިޝްފާން… އޭނަ ގައިން ދޫކޮށްލާ." އިޝްފާންގެ ރުޅިގަނޑު އެންމެ ރަނގަޅަށް އެނގެނީ ސަވާއަށްކަމުން، އަންނަ ރުޅީގައި ގޯހެއް ހަދާފާނެތީ ސަވާ ކަންބޮޑުވިއެވެ.
'"އިޝްފާން! އޭނަ ގައިން ދޫކޮށްލާ…" ޒައިނާ އޭނާގެ ލޮލުން އައި ކަރުނަތައް ފުހެލިއެވެ.
ޒައިނާގެ އަޑު އިވުމާއެކު އިޝްފާން ޒައިނާއަށް ބަލާލިއެވެ. އޭރުވެސް އޭނާ ހުރީ ނިހާދުގެ ގަމީހުގެ ގިރުވާނުގައި ހިފައްޓާލައިގެންނެވެ. ޒައިނާއާ ހަތަރު ކަޅި ހަމަވީ ވަގުތު ނިހާދުގެ ގިރުވާނުން އޭނާއަށް ދޫކޮށްލެވުނީ ބޭއިޚްތިޔާރުގައެވެެ. އެ ހިނދު ނިހާދު އިޝްފާންގެ އަތް ފޮޅުވާލިއެވެ.
"ކަލޭ ދެން މަގޭ ގައިގަ އަތް ނުލައްޗޭ. މި ރަށަށް އަރާ މާ ފުއްޕާނެކަމެއް ނެތް." ނިހާދު އިޝްފާންއަށް ދިނީ އިންޒާރެކެވެ.
"ކަލެއަށް ކީކުރެވޭނީ ކަލޭ ޖެހޭނީ ތިހެން ހުންނަން." އިޝްފާން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ.
"އަދި ކަލެއަކަށް އޭނައަކާ ނީނދެވޭނެ. އިއްދައިގަވެސް އޭނަ އިންނަން ޖެހޭނެ." ނިހާދު ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
"އިޝްފާން…. " މަސްލަހަތު އިތުރަށް ހޫނުވެދާނެތީ ޒައިނާ އިޝްފާންއަށް ގޮވާލިއެވެ.
"އެއީ ވާހަކަ ދައްކަން ވެސް އެކަށީގެންނާ މީހެއް ނޫން. އޭނައާ ވާހަކަ ދައްކާ މީހާގެ އަބުރަށްވެސް ހުތުރުވާހާ ނުބައި މީހެއް." އިޝްފާންއަށް ބަލާލުމަށްފަހު، ނިހާދަށް އަވަސް ނަޒަރެއް ދެމުން ޒައިނާ ބުންޏެވެ. އެއްވެސް ޖެހިލުމެއްނެތި ޒައިނާ އޭނާއަށް ރައްދުކުރަމުން ދިޔަ ބަސްތަކުން، ނިހާދުގެ ރުޅިގަނޑު އިތުރުވުން ނޫންކަމެއް ނުވިއެވެ.
"ހިނގާ ދާން… އިޝްފާން، އާދޭ…" ޒައިނާގެ ކޮނޑުގައި އަތް ޖައްސާލަމުން ސަވާ ބުންޏެވެ. ޒައިނާ ސަވާއަށް ބަލާލިއެވެ. އަދިވެސް އޭނާއަށް ސަވާ އަކީ އިޝްފާންގެ ކާކުކަމެއް ނޭނގެއެވެ. ހިތުގެ ކަނެއްގައިވި ނުތަނަވަސްކަމުގެ މައްޗަށް ސަވާގެ އެ އޯގާތެރިކަން ކުރި ހޯދި ނަމަވެސް، އިޝްފާންއަށް ބަލައިލެވުމާއެކު، އެ ހިތް ޝަކުވާއިން ފުރުނެވެ.
"އިޝްފާން! ބޭކާރު ކަންތައްތަކާ ރުޅިއައިސް މީހުންނާ ޖަދަލު ކުރާނެކަމެއް ނެތް. އާދޭ…" ޒައިނާ ގޮވައިގެން ހިނގައިގަންނަމުން ސަވާ ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމުން އިޝްފާންވެސް އިންޒާރުގެ ބެލުމަކުން ނިހާދަށް ބަލާލާފައި ހިނގައިގަތެވެ. އެ ތޫނު ނަޒަރުން ޒައިނާއާ ދިމާލަށް ބަލާލައިގެންވެސް ނުވާނެޔޭ ނިހާދާ ދިމާލަށް ބުނާ ފަދައެވެ.
"ކަލޭހީކުރީ މަ ބިރު ގަންނާނެކަމަށްތަ؟ އޭތް ޒައިނާ! ހަނދާންކުރާތި ކަލޭގެ ކައިރީގައި ތިހުރީ ވަކި މަށަށް ވުރެ ރަނގަޅު މީހެއް ނޫން. ކަލެއަށް ނޭނގޭ އަނދިރިފަރާތެއް ނެތްކަމެއް ވެސް ނޭނގެ. ސައްވީސް ގަޑިއިރު ހަމައިގައި ހުންނަ ނަމަތާ..." ޒައިނާއަށް އަޑު އިވޭ ހަޅޭއްލަވައިގަނެފައި ގޮސް ނިހާދު ގެއަށް ވަނެވެ.
ނިހާދު އެ ބުނި ބަސްތަކާމެދު ވިސްނާލަން އިޝްފާންގެ ސިކުނޑި އޭނާއަށް މަޖުބޫރު ކުރުވިއެވެ. ނިހާދަށް ނޭނގި ނަމަވެސް އެ ބުނެވުނީ ތެދެކެވެ.ޒައިނާއަށް ނޭނގޭ އޭނާގެ އެހެން ފަރާތެއް އެބަ އޮތެވެ. ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، އޭނާގެ ސަބަބުން ކިތަންމެ ނުބައި މީހަކު މި ދުނިޔެދޫކުރި ނަމަވެސް، އޭނާ އަކީ ޤާތިލެކެވެ. މުޅި ދުނިޔެއަށް އޮޅުވާލި ނަމަވެސް، އެ ހަޤީގަތް ބަދަލެއް ނުވާނެ އެވެ. އެ ލައްގަނޑު އޭނާގެ ފަސްބައިން ނުފިލުވޭނެއެވެ. ޒައިނާ ފަދަ އަންހެން ކުއްޖަކާ އޭނަ އެކަށީގެންނުވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ. އޭނާ ފަދަ ކުށްވެރިއަކާ ޒައިނާ އެކަށީގެން ނުވާތީއެވެ.
"ޒައިނާއަށް މިގޭގައި ހުރެވޭނެ." ގޭތެރެއަށް ވަދެ ސޯފާގައި ޒައިނާ ބައިންދަމުން ސަވާ އެހެން ބުނެލާފައި ބަދިގެއަށް ގޮސް ފެންތައްޓެއް ޒައިނާއަށް ގެނެސްދިނެވެ. ޒައިނާ ފެންތަށިން އެތި ފޮދެއް ބޮމުން އިޝްފާންއަށް ބަލާލިއެވެ. ޒައިނާއަށް ބަލާލުމެއްވެސް ނެތި އިޝްފާން ވަނީ ކޮޓަރިއަށްކަމުން، އިޝްފާންއަށް ކުއްލިއަކަށް އައި ބަދަލު، މާނަ ކުރާނެ ގޮތެއް ޒައިނާއަކަށް ނޭނގުނެވެ.
"އެއްޗެއް ކައިފިންތަ؟" ސަވާ ސުވާލުކޮށްލިއެވެ.
"ނޫން." ދެފަރާތަށް ބޯ ހޫރާލަމުން ޒައިނާ ނޫނެކޭ ބުނެލިއެވެ.
"ހިނގާ އެއްޗެއް ކާން." ސަވާގެ އެދުމަށް ޒައިނާ ދެކޮޅެއް ނުހަދައެވެ. ޒައިނާ ކެއުމުން ސަވާ ޒައިނާ ގޮވައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
"އެގެއިން ޒައިނާގެ ބައެއް ސާމާނުވެސް ގެންނަން ޖެހޭނެ ދޯ. އެކަމަކު މިރޭ ދާނެކަމެއް ނެތް. މާދަން ދެން ގޮތެއް ހަދާނީ…" ސަވާ ބުނެލިއެވެ. ޒައިނާވެސް އެގޮތާ އެއްބަސްވީ މިރޭ ނިހާދާ ކުރިމަތިލުމަކީ ރަނގަޅު ގޮތަކަށް ނުވާނެތީއެވެ.ކޮޓަރީ ތެރެއަށް ވަށައިގެން ބަލާލުމާއެކު، ޒައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
"ކޮޓަރި އޯކޭ ދޯ…" ޒައިނާ ނުތަނަވަސްވެފައި ހުރީތީ އެ ހާސްކަން ދުރުކޮށްލުމުގެ ނިޔަތުގައި ސަވާ ބުންޏެވެ. ޒައިނާ އާއެކޭ ބުނެ ހިނިތުންވެލިއެވެ.
"މީ އަހަރެންގެ ކޮޓަރި…" އަނެއްކާވެސް ސަވާ އިތުރުކޮށްލިއެވެ. އެ އަޑު އިވުމުން ޒައިނާއަށް ހައިރާންކަމާއެކު، ބަލާލެވުނެވެ. ޒައިނާގެ އެ ހައިރާންކަން ފަހުމްވި ސަވާ ހިނިތުންވުން ފުޅާކޮށްލަމުން ވާހަކަ ދެއްކިއެވެ.
"އަހަންނަށް އަދި އިންޓްރޮޑިއުސް ވެސް ނުވެވޭ ދޯ ރަނގަޅަށް. އަހަރެން މީ އިޝްފާންގެ ދޮންތަ." ސަވާގެ އެ ޖުމްލަ އަޑު އިވި ޒައިނާގެ ބޮލުން ހީވީ ބޮޑު ބަރެއް ނަގާ އެއްލާލިހެންނެވެ. އެ ހުރިހާ އިރު ސަވާއާ މެދު އެހިތުގައިވީ ނުތަނަވަސްކަން ފިލައިގެންދާން ނެގީ ހިނދުކޮޅެކެވެ. ހަމައެއާއެކު، އޭނާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.
"އޯހް…" ބުނާނެ އިތުރު އެއްޗެއް ޒައިނާއަކަށް ނޭނގުނެވެ.
"އިޝްފާން އަދި މީހަކާ ނީނދޭ…" ޒައިނާގެ ހިތުގައިވީހާ ޝައްކެއް ސަވާ ފިލުވައިދިނެވެ. ޒައިނާގެ މޫނުމަތީގައިވާ އަސަރުތަކުން އެކަނިވެސް، ޒައިނާގެ ހާސްކަން ގުޅިފައިވަނީ އެ ސަބަބާކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ސަވާ ބޭނުންވީ އުދާސްވެފައިވާ ޒައިނާގެ ހިތަށް ކުޑަވެސް ތަސައްލީއެއް ދޭށެވެ. އެވާހަކަ އޭނާ ބުނީވެސް އެހެންވެގެންނެވެ.
ޒައިނާއަށް އެކަނި ވަގުތުކޮޅެއް ދޭންވެގެން ސަވާ ކޮޓަރިން ނުކުމެލިއެވެ. އެއަށްފަހު، ގޮސް އިޝްފާންގެ ކޮޓަރީގެ ޓަކި ދީފައި އެތެރެއަށް ވަނެވެ. އިޝްފާން ފެންނާކަށް ނެތެވެ. ފާޚާނާ ލައިޓް ނިއްވާލާފައި ހުރުމުން އިޝްފާން ފާޚާނައިގައި ނެތްކަން ވެސް އޭނާއަށް ޔަޤީންކުރެވުނެވެ. ކޮޓަރިން ނުކުންނަން އުޅުނު ވަގުތު، އެނދުގެ އެއްފަރާތަށް ވެއްޓިފައިވާ ބެކްޕެކާއި، އެނދުމަތީގައި އޮތް ފައިލު އޭނާގެ ލޮލުގައި އަޅައިގަތެވެ. ސަވާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ދަބަސް ނަގާ އެނދުމަތީގައި ބާއްވާފައި އެ ފައިލު ނަގާ ބަލާލިއެވެ. އޭގައި ލިޔެފައިވީ އެއްޗެއް ފެނުމާއެކު ސަވާގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ދެލޯ ބޮޑުވުމާއެކު، އެ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވާން ނެގީ ކުޑަ ހިނދުކޮޅެކެވެ. ޖެހިގެން އޮތް ގަނޑު ހުޅުވާލާފައި އޭގައި އޮތް އެއްޗެއް ކިޔާލިއިރު އޭނާގެ އަތަށް ވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވެރިވެއްޖެއެވެ. ހަށިގަނޑުން ވަރު ދޫވި ސަވާއަށް އެނދުގައި އިށީނދެވުނުއިރު، ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބައިގެން ދިޔައެވެ.
އިރުކޮޅަކު އެހެން އިނދެފައި ކަރުނަތައް ފުހެލަމުން ސަވާ ތެދުވިއެވެ. ފައިލު ދަބަސް ތެރެއަށް ލާފައި އޭނާ ކޮޓަރިން ނުކުތެވެ. ބޭރު ދޮރު ހުޅުވާފައި ހުރުމުން އިޝްފާން ބޭރުގައިވީކަން ސަވާއަށް އެނގުނެެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އޭނާ ގޮސް ގެއިން ނުކުތްއިރު އިޝްފާން އޮތީ ބޭރު ޖޯލީގައެވެ. ސަވާ ނުކުތްކަން އެނގުމާއެކު، އިޝްފާން އަވަސް އަވަހަށް އޭނާގެ ލޯ ފުހެލިތަން ފެނިފައި އޭނާ ރޮނީކަން ސަވާއަށް ޔަޤީންކުރެވުނެވެ.
"އިޝްފާން…" މަޑުމަޑުން ސަވާއަށް އިޝްފާންއަށް ގޮވާލެވުނުއިރު، އޭނާގެ އަޑު ނުކުތީވެސް އުނދަގުލުންނެވެ.
(ނުނިމޭ)