ރަށު ކައުންސިލްގެ ބައި އިލެކްޝަނުގައި އއ. މަތިވެރި އަދި އދ.ހަންޏާމީދޫގައި މިއަދު ނެގި ވޯޓުގައި މަތިވެރީ ރަށު ކައުންސިލްގެ ގޮނޑި ޖުމްހޫރީ ޕާޓީން ކާމިޔާބުކޮށް ހަންޏާމީދޫ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން މަތިވެރީ ކައުންސިލަށް ވާދަކުރެއްވި ޖުމުހޫރީޕާޓީގެ ކެނޑިޑޭޓު، އަލީ ރިޒާ މުހައްމަދު އެގޮޑިއަށް އިންތިހާބުވީ 250 ވޯޓުންނެވެ. އެ ގޮނޑިއަށް އެމްޑީޕީން ވާދަކުރެއްވި އަލީ ރިޝާމަށް ލިބުނީ 212 ވޯޓެވެ.

ހަންޏާމީދޫ ކައުންސިލްގެ ގޮނޑި އެމްޑީޕީން މިއަދު ކާމިޔާބުކުރީ އެ ޕާޓީން ކުރިމަތިލެއްވި، އަހުމަދު ފިރާގު 190 ވޯޓު ހޯއްދަވައިގެންނެވެ. ފިރާގާއި ވާދަކުރި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އިބުރާހިމް ނަސީރު އާދަމަށް ލިބުނީ 178 ވޯޓެވެ.

އެދެ ބައި-އިލެކްޝަނަށްވެސް ކެންޑިޑޭޓުން ނެރުނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެކަންޏެވެ. އެހެން ޕާޓީތަކުން އެ ދާއިރާތަކަށް ކެންޑިޑޭޓުން ނެރެފައެއްނުވެ އެވެ.

މިރޭ ވަގުތީ ނަތީޖާ އިއުލާންކުރައްވަމުން އިލެކްޝަން ކޮމިޝަނުގެ ނައިބުރައީސް އަހުމަދު ފަޔާޒު ވިދާޅުވީ މިއަދުގެ ބައި-އިލެކްޝަންތަކާ މެދު އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެދުވަހުގެތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރައްވާނެ ކަމަށެވެ.

"އިންތިހާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް،" ފަޔާޒް ވިދާޅުވި އެވެ.