07 Aug 2024, 12:15
ދެ ބިލިއަނަށްވުރެ ގިނަމީހުންގެ ޒާތީ މަޢުލޫމާތު އޮންލައިންކޮށް ލީކުވެއްޖެ ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފިއެވެ.
ބްލޫމްބާގްގެރިޕޯޓެއްގައިބުނެފައިވަނީ ހިސްޓްރީ ބަލަހައްޓާ ކުންފުންޏެއްގެ ޑޭޓާބޭސްއިން ބިލިއަނަކަށްވުރެ ގިނަ މީހުންގެ އަމިއްލަ ޒާތީ މަޢުލޫމާތު ލީކުވެގެން ޑާކް ވެބަށް އަރާފައިވާ ކަމަށް ބުނާ މައްސަލައެއް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
ނޭޝަނަލް ޕަބްލިކް ޑޭޓާ (ޖެރިކޯ ޕިކްޗަސް) ގެ ނަމުގައި މަސައްކަތްކުރާ މި ކުންފުނިން 2.9 ބިލިއަން މީހުންގެ އަމިއްލަ މަޢުލޫމާތު ޑާކް ވެބަށް ލީކުވެފައިވާ ކަމަށް ބުނެ ކްލާސް އެކްޝަން ދަޢުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މި ކުންފުނިން ބޭނުންކުރަނީ "ސްކްރޭޕިން" ގެ ނަމުގައި މަޝްހޫރު ޓެކްނޮލޮޖީއެކެވެ. މީގެ ޒަރީއާއިން އާންމުކޮށް ނުފެންނަ ތަންތަނުން މީހުންގެ އަމިއްލަ މަޢުލޫމާތު ނަގައި، ރައްކާކޮށް، ހިސްޓްރީ ބެލުމުގެ މަސައްކަތް ކުރެއެވެ.
މިގޮތުން ސޯޝަލް ސެކިއުރިޓީ ނަންބަރު، ފުރިހަމަ ނަން، އެޑްރެސް އަދި ގާތްތިމާގެ މީހުންގެ މަޢުލޫމާތު ފަދަ ސިއްރު މަޢުލޫމާތު ހާމަވެފައިވާ ކަމަށް ބެލެވެއެވެ. އަދި މި މަޢުލޫމާތަކީ އެ މީހުން އަމިއްލައަށް ދީފައިވާ މަޢުލޫމާތެއް ނޫންކަން ފާހަގަކުރެވެއެވެ.
މައްސަލަ ހުށަހެޅި ކްރިސްޓޯފާ ހޮފްމަންއަށް އޭނާގެ މަޢުލޫމާތު ލީކުވެފައިވާކަން އެނގުނީ އައިޑެންޓިޓީ ތެފްޓް ޕްރޮޓެކްޝަން ސާވިސް ޕްރޮވައިޑަރުގެ ފަރާތުންނެވެ. އޭނާގެ މަޢުލޫމާތު ޑާކް ވެބަށް އަރާފައިވާކަން އެ ފަރާތުން އޭނާއަށް އެންގިކަމަށް ބުނެފައިވެއެވެ.
ސައިބާ ކްރިމިނަލް ގްރޫޕް އޭއެސްޑީއޯޑީން މި ޑޭޓާބޭސް 3.5 މިލިއަން ޑޮލަރަށް ވިއްކަން އުޅޭ ކަމަށްވެސް އެ ދައުވާގައި ބުނެފައިވާ ކަމަށް ބްލޫމްބާގް ރިޕޯޓްގައި ވެއެވެ.
ހޮފްމަން އަދި އެހެން ދަޢުވާކުރާ ފަރާތްތަކުން އެންޕީޑީގެ މައްޗަށް އިހުމާލުވުމާއި ޒިންމާ އަދާނުކުރުމުގެ ދަޢުވާ ކޮށްފައިވެއެވެ. އަދި ބަދަލު ހޯދުމާއި ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެދިފައިވެއެވެ.