06 Aug 2024, 23:44
ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން 25 ބުރީގެ މަލްޓިޕާޕޮސް އިމާރާތެއް އަޅަން ނިންމައިފިއެވެ.
އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގައި 25 ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން މިއަދު ސަރުކާރު ގެޒެޓްގައި އިއުލާންކޮށްފައެވެ.
އެކުންފުނިން މިއަދު ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.
އެސްޓީއޯއިން ކުރި އިއުލާނުގައި ބުނީ މި އިމާރާތް ތަރައްގީ ކުރަނީ މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯއިން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކަމަށެވެ.
އެ އިއުލާނުގައި ބުނީ ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުން ކަަަމަށެވެ.
އެސްޓީއޯ އިން ބުނީ މި އިމާރާތަކީ މަލްޓިޕާޕަސް އިމާރާތެއް ކަމަށާއި، މި މަސައްކަތަކީ އާ މެނޭޖްމެންޓުން އިސްނަގައިގެން އެ ކުންފުނީގެ ސައިޓްތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ދެނެގަތުމަށްފަހު ކުރަން ނިންމި މަސައްކަތެއް ކަމަށެވެ.
އެކުންފުނިން ބުނީ މި އިމާރާތަކީ މުވައްޒަފުންނަށް ބޭނުންވާ ޚިދުމަތްތަކާއެކު، ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަށް އަޅައި މަލްޓިޕާޕަސް އިމާރާތެއް ކަމަށެވެ.