23 Jun 2012, 15:20
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިމުނު ދެވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އެމްއެންޑީއެފް އަދި އަންހެން ޗެމްޕިއަންކަން މޯލްޑިވްސް ކަސްޓަމްސް ސާވިސް ހޯދައިފި އެވެ.
ފަނަރަ ޓީމަކުން ވާދަކުރި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން އެމްއެންޑީއެފް ހޯދީ ފައިނަލްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް ބަލިކުރުމަށް ފަހު އެވެ. އަދި ނުވަ ޓީމަކުން ވާދަކުރި އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހޯދީ މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީ ބަލިކުރުމަށް ފަހު އެވެ.
ޓީމު އިވެންޓުގެ ފިރިހެން ތިންވަނަ ހޯދީ މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. އަދި އަންހެން ތިން ވަނަ ހޯދީ އެމްއެންޑީއެފް އެވެ.
އޯޕަން ސިންގަލްސް ޗެމްޕިއަންކަން އެސްޓީއޯގެ ހުސެއިން އަލީ ހޯދިއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީގެ އިފާޝާ ޝަރީފް އެވެ. އަދި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް ގެ އަހްމަދު ހާމިދު އެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އެސްޓީއޯގެ މަރިޔަމް ނިޔާޝާ އާއި ލަޔާލީ އަލީ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވިސް ޕޮލިސް ސާވިސްގެ އަބްދުﷲ ފިރުޝާނާއި މުހައްމަދު އިބްރާހިމް އެވެ.
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 26 ވާ އަންގާރަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގަ އެވެ.