އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސްގެ ރަނިންމޭޓަކަށް މިނިސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް އައްޔަންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނަމަވެސް އަދި އެކަން ރަސްމީކޮށް ވޯލްޒްއަށް އަންގައިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފަސް ދޮޅަސް އަހަރުގެ ވޯލްޒް އަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަންނަ ރިޔާސީ އިންތިޚާބުގެ ރޭހުން ވަކިވެވަޑައިގަތުމުގެ ކުރިން ވެސް ޑިމޮކްރެޓް ޕާޓީގެ ރަނިން މޭޓަކަށް ހޮވާ މީހުންގެ ލިސްޓުގައި ހިމެނިފައި އޮތް ނަމެކެވެ.

ހެރިސްގެ ރަނިން މޭޓު ކަމަށް ނޮމިނޭޓްވި ފަރާތްތަކާ މި އާދީއްތަ ދުވަހު އިންޓަވިއުކޮށްފައިވާއިރު، އެ މީހުންގެ ތެރޭގައި ޕެންސިލްވޭނިއާގެ ގަވަރުނަރު ޖޯޝް ޝަޕީރޯ، އެރިޒޯނާގެ ސެނެޓަރު މާކް ކެލީ، ކެންޓަކީގެ ގަވަރުނަރު އެންޑީ ބެޝިއާ، އިލިނޮއިސްގެ ގަވަރުނަރު ޖޭބީ ޕްރިޓްޒްކާ އަދި ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިގޭގް ހިމެނެއެވެ.

ވޯލްޒް އަކީ ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން ޓީޗަރެއްގެ އިތުރުން ނޭޝަނަލް ގާޑްސްމެން އަދި ހައި ސްކޫލް ފުޓްބޯޅަ ކޯޗެކެވެ. ދެހާސް ހަ ވަނަ އަހަރު ސިޔާސީ މައިދާނަށް ނުކުންނެވި ވޯލްޒް ވަނީ ކޮންގްރެސްގައި 12 އަހަރު ހޭދަކުރައްވައިފައެވެ.

ވޯލްޒް މިހާރު ހުންނެވީ މިނިސޯޓާގެ ގަވަރުނަރު ކަމުގެ ދެވަނަ ދައުރުގައެވެ. އޭނާ އަކީ ޑިމޮކްރެޓިކް ގަވަރުނާސް އެސޯސިއޭޝަންގެ ޗެއާމަން ވެސްމެއެވެ.

ވޯލްޒް އަކީ ވަރަށް ބޮޑަށް ބައިޑަންއަށް ތާއީދުކުރައްވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ. ޖުލައި 21 ވަނަ ދުވަހު ކުއްލި ގޮތަކަށް ރިޔާސީ ރޭހުން ވަކިވެވަޑައިގަތްކަން އިއުލާނުކުރެއްވުމަށްފަހު، ނާއިބު ރައީސް ހެރިސްއަށް ތާއީދު ކުރައްވާ ކަމަށް ބައިޑަން ވަނީ އިއުލާނުކުރައްވައިފައެވެ.

އެއާއެކު ވޯލްޒް އަންނަނީ ހެރިސްގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ވޯލްޒްގެ ފަރާތުން އެމެރިކާގެ މެދުތެރޭ އުތުރުގައި ހިމެނޭ 12 ސްޓޭޓަށް ނިސްބަތްވާ މީހުން ވޯޓު ހޯދަން ފަސޭހަވާނެކަމަށް ވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ވޯލްޒް އަކީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވައި ވާހަކަދައްކާ ވެސް މީހެކެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހެވެ.