މިސްކިތްތަކަށް އެހީވާން ހުޅުވާލާފައިވާ ފަންޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފައިސާގެ އެހީއެއް ވެދެއްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާޝަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ފަންޑަށް ރައީސް އެހީދެއްވީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ކުރިއަށްދާ ރިއޯ ސަމިޓްގެ ތެރޭގައި ހުންނަވައި ފޯނު މެދުވެރިކޮށް މިސްކިތްތަކުގެ ފަންޑުގެ ޓެލެތޯންގައި ބައިވެރިވެވަޑައިގެން ކަމަށެވެ. އަދި އެމަނިކުގެ ފަރާތުން ފައިސާގެ އެހީ މިހާރު އެފަންޑަށް ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވީ އެވެ.

"ފައިސާގެ އެހީ ރައީސް ދެއްވާފައި ފޯނުން ގުޅުއްވައިގެން، އެފަންޑުގެ ކަންތައްތައް ކުރިއަށްދާ ގޮތް އެމަނިކުފާނު ގެންދަވަނީ ބައްލަވަމުން،" އައްބާސް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ އިތުރުން ރައީސް އޮފީހުގެ މުވައްޒަފުންގެ ފަރާތުން ވެސް ވަނީ މިސްކިތްތަކުގެ ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިސްކިތްތައް އިމާރާތް ކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށް ބޭނުންވާ ފައިސާ ހޯދުމަށް ފެށި މީޑިއާތަކަށް ގުޅިގެން މިދިޔަ ހޯމަ ދުވަހު ފެށި ތެލެތޯން މިއަދު ނިމޭއިރު މިހާތަނަށް 5.7 މިލިއަން ރުފިޔާ ވަނީ އެފަންޑަށް ލިބިފަ އެވެ.