ދިރިއުޅުމަށް އުނދަގޫވާ ވަރަށް ވީރާނާވެފައިވާ ގެއެއްގައި ބިދޭސީން ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރު ކުރާ މައްސަލައެއްގައި އިމިގްރޭޝަނުން ރެއިޑެއް ކުރިއަށްގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ހެނދުނު އެ ގެ ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅޭ ތިން ބިދޭސީއެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިއަދު ހެނދުނު ހިންގި ރެއިޑުގެ ތެރެއިން: މިއަދު އަތުލައިގަތީ ނުގަވައިދުން ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރާ ތިން ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި --- ފޮޓޯ/ އިމިގްރޭޝަން

މީގެއިތުރުން، މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށާއި ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މާލެ ސަރަހައްދުގައި އަންނަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200އަށްވުރެ ގިނަ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ސްޕާތައް ވެސް ހިމެނެއެވެ.