06 Aug 2024, 13:01
ސާޅީސް އަށް ދަޅު ބިޔަރާއި ބަނގުރާފުޅިއަކާއެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ހައްޔަރުކުރި ބިދޭސީ މީހާއަކީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ ސޯހިދުލް އިސްލާމެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އާދިއްތަ ދުވަހުގެ ރޭ 22:00 ހާއިރު ހުޅުމާލެ އަމީން އެވެނިއު ކައިރިން ކަމަށެވެ. އަދި އަތުލައިގަތް އިރު އޭނާގެ އަތުގައި 48 ދަޅު ބިޔަރާއި ބަނގުރާ ފުޅިއެއް އޮތް ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ވ. ބޮޑުމޮހޮރާއިން 24 ފުޅި ބަނގުރަލާއެކު ތިން މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
އެ ތިން މީހުން ހައްޔަރު ކުރީ ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސްގެ އިތުރުން ވ. އަތޮޅުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ފަދަ މައްސަލަތައް މަދު ކުރުމަށް މި ފަހުން ފުލުހުން ވަނީ ހައްޔަރު ކުރާ މީހުންގެ ވަނަވަރު ހާމަކުރަން ފަށާފައެވެ.