ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ޚިލާފަށް ގިނަކަން ފާހަގަކުރެވޭ ކަމަށާއި އެކަން ބެލުމަށްޓަކައި ހަދާ ދިރާސާއަށް ކޮންސަލްޓެންޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައެވެ. އޭނާ ސުވާލުކުރެއްވީ ރާއްޖޭގައި މިހާރު ގައިން ގަޔަށް ނާރާ ބަލިތައް ގިނަވަމުންދާކަން ފާހަގަކުރެވޭތޯއެވެ.

...

ދެންމެ އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި ފަދައިން ބައެއް ބޮޑެތި ބަލިތައް، ގައިން ގަޔަށް ނާރާ ބަލިތައް އާދަޔާޚިލާފަށް ރާއްޖޭގައި ގިނަކަން ފާހަގަކުރެވޭ.

ސްޓަޑީއެއް ހެދުމަށްޓަކައި ޑަބްލިއުއެޗްއޯއާއެކު މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަން. ވަރަށް އަވަހަށް ކޮންސަލްޓަންޓެއް ހަމަޖެހިގެންދާނެ،

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ޚަލީލް ވިދާޅުވީ މިނިސްޓްރީގެ އަމިއްލަ ދިރާސާއިން ވެސް ބައެއް ރަށްރަށުގައި ބައެއް ބާވަތުގެ ގައިން ގަޔަށް ނާރާ ބަލިތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ ކެންސަރުގެ ބަލިތަކެވެ.

އެހެންކަމުން އެއީ ކީއްވެގެން، ކޮން ގޮތަކުން އަދި ކޮން މާއްދާއެއްގެ ސަބަބުން ދިމާވާ ކަމެއްތޯ ބެލުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަނީ: ޚަލީލް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ގިނަކަމަށް -- ފޮޓޯ/ މަޖިލިސް

މީގެ ކުރިން ވެސް ޚަލީލް ވަނީ މިކަމާ ގުޅިގެން ދިރާސާއެއް ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ރާއްޖޭގައި ނިސްބަތުން ވަރަށް ބޮޑަށް އިތުރެވެ. އެ ގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. މީގެ ތެރެއިން 17 އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.

މިދިޔަ ސަރުކާރުން ވަނީ ރާއްޖޭގައި ކެންސަރަށް ޚާއްސަ ކޮސްޕިޓަލެއް އަޅަން ވެސް ނިންމާފައެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް 2019 ވަނަ އަހަރު ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ރާއްޖެއައެވެ. އެކަމަކު، ސަރުކާރުގެ ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

އެއާއެކު މި ސަރުކާރުން ވަނީ ލ. އަތޮޅުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަން ނިންމައިފައެވެ.