ސޫރިޔާގެ ވައިގެ ސިފައިން ތުރުކީގެ އަސްކަރީ މަތިންދާބޯޓަކަށް ހަމަލާދީ އެބޯޓް ވައްޓާލައިފި އެވެ.

ސޫރިޔާ ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ މަތިން އުދުހުނު ހަނގުރާމަމަތީ މަތިންދާބޯޓަކަށް އިއްްޔެ މެންދުރު ފަހު އެ ގައުމުގެ ވައިގެ ސިފައިން ހަަމަލާދީ ވައްޓާލި ކަމަށެވެ. އަދި ވައްޓާލި ފަހުން އެެއީ ތުރުކީގެ ބޯޓެއްކަން އެނގިފައިވާ ކަމަށެވެ.

ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ބައްޝާރަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން މިހާރު ވެސް ގޯސްވެފައި އޮތް ، ތުރުކީ އާއި ސޫރިޔާގެ ގުޅުން މި އަމަލުގެ ސަބަބުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވިފައިވާ އިރު ވައްޓާލި ބޯޓްގައި ތިބި ދެ ޕައިލެޓުންނަށް ވީ ގޮތެއް ވެސް ސޫރިޔާ ސަރުކާރުން ނުބުނެ އެވެ.

މަތިންދާބޯޓެއް ވެއްޓި ދެ ޕައިލެޓުން ގެއްލުނުކަން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތޮއްޔިބު އަރުދުޣާންގެ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ކަމާ ބެހޭ މުއައްސަސާތަކުން ހޯދި މައުލޫމާތާއި ސޫރިޔާ އާއި ތުރުކީ ގުޅިގެން ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުން ލިބުނު މައުލޫމާތުން އެނގުނީ ބޯޓް ވައްޓާލީ ސޫރިއާއިން ކަމެވެ." ތުރުކީ ސަރުކާުރުން ނެރުނު ބަޔާނުގައި ވެއެވެ. އެބަޔާނުގައިވާ ގޮތުން ސޫރިޔާގެ އަމަލަށް ދޭނެ ރައްދަކާ މެދު ތުރުކީން ގޮތެއް ނިންމާނީ އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު ލިބުމުންނެވެ.