06 Aug 2024, 08:55
ބޮލީވުޑްގައި އުޖާލާ ކުރިމަގެއް އޮތް ބަތަލާ އަނަންޔާ ޕާންޑޭ ލީޑްރޯލް ކުޅޭ ފިލްމު "ކޮންޓްރޯލް" (ސީޓީއާރްއެލް) ކުރިއަށް އޮތް އޮކްޓޯބަރު މަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.
ޑައިރެކްޓަރު ވިކްރަމަދިތިޔަގެ މި ތުރިލާ ފިލްމު ސިނަމާތަކުގައި ނާޅުވާ ނެޓްފްލިކްސްގައި ދައްކަން ފަށާނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. އަނަންޔާއާ އެކު މި ފިލްމުގެ މުހިއްމު ރޯލްއިން ދެން ފެންނާނީ އެކްޓަރު ވިހާން ސަމަތުއެވެ.
މި ފިލްމުގައި ދައްކުވައިދޭނީ ޓެކްނޮލޮޖީއަށް ގިނަ ބަޔަކު ބަރޯސާވުމުގެ ސަބަބުން އެކަމަށް ހިތްޖެހި އޭގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކެވެ. ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރާކަން އިއުލާނުކުރަމުން އަނަންޔާކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނި މި ފިލްމުން އަހަރުމެންގެ ދިރިއުޅުން ކޮންޓްރޯލް ކުރަނީ ޚުދު އަހަރުމެންކަން ނުވަތަ ނޫންކަން ދެނެގަންނަން ފަސޭހަވާނެ ކަމަށެވެ.

އަނަންޔާ ޑައިރެކްޓަރު ވިކްރަމަދިތިޔައާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
ހަމައެއާއެކު ޑައިރެކްޓަރު ވިކްރަމަދިތިޔަ ވެސް ބުނެފައި ވަނީ އަހަރުމެންގެ ދިރިއުޅުމުގެ ކޮންޓްރޯލް އޮތީ ޑިޖިޓަލް ދުނިޔޭގެ މޭސްތިރިންގެ އަތުގައި ކަން ނޫނީ އެ މީހުން ކޮންޓްރޯލް ކުރަނީ ޑިޖިޓަލް ދުނިޔޭގެ އަވައިގައި ޖެހިފައިތިބި މީހުންކަން ފިލްމުން އެނގިގެންދާނެ ކަމަށެވެ. ވިކްރަމަދިތިޔަ މިހާތަނަށް ޑައިރެކްޓްކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭ "އުޅާން"، "ލުޓޭރާ" އަދި 2020ވަނަ އަހަރު ރިލީޒްކުރި ފިލްމު "އޭކޭ ވާސަސް އޭކޭ" ހިމެނެއެވެ.
އުމުރުން 25 އަހަރުގެ ޒުވާން ބަތަލާ އަނަންޔާ ބެލުންތެރިންނަށް އެންމެފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކޯ ގަޔޭ ހަމް ކަހާ" އިންނެވެ. ފިލްމުގައި އަނަންޔާ ކުޅުނު ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު ބަތަލާ އަކީ މިވަގުތު ބޮލީވުޑްގައި ހިމެނޭ ޒުވާން ބަތަލާއިންގެތެރެއިން އެންމެ ބޮޑު މަގުބޫލަކަމެއް ލިބެމުން އަންނަ އެއް ފިލްމީ ތަރިއެވެ.