06 Aug 2024, 09:00
ބޮލީވުޑްގެ ފިލްމުތަކުން މިފަހަކަށް އައިސް ނުރައްކާތެރި އެހާމެ މޮޅު ސްޓަންޓްތައް ބެލުންތެރިންނަށް ދައްކުވައިދިން އެކްޓަރު ޓައިގަ ޝްރޮފް އަމިއްލަ ޑާންސް އެކަޑެމީއެއް ހުޅުވައިފިއެވެ.
އެކްޓިންގްއަށް އޮތް ލޯތްބާއި ޝައުގުވެރިކަމާ އެއްވަރަށް ޓައިގާ އަކީ ނެށުމަށް ވެސް ވަރަށް ލޯބިކުރާ ފިލްމީތަރިއެކެވެ. ޓައިގާގެ ބައެއް ފިލްމުތަކުގައި ދައްކުވައިދީފައިވާ ނެށުންތަކަށް ބެލުންތެރިންގެ ތަރުހީބު ލިބުނުއިރު މިހާރުވެސް ޓައިގާގެ ބައެއް ނެށުމުގެ ހަރަކާތްތައް ނަކަލުކުރާ މީހުން އުޅެއެވެ.
ޓައިގާ ލޯންޗުކުރި މި އެކަޑެމީއަށް ދީފައިވާ ނަމަކީ "މެޓްރިކްސް ޑާންސް އެކަޑެމީ"އެވެ.
މިހާރުވެސް މާޝަލް އާޓްސް ސްޓޫޑިއޯއެއް "މެޓްރިކްސް މާޝަލް"ގެ ނަމުގައި ހިންގަމުން އަންނަ ޓައިގާ އެކަޑެމީއެއް އުފެއްދުމުގެ ބޭނުމަކީ ނެށުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުސަތުތައް ހުޅުވައިދިނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓައިގާގެ އަމިއްލަ ސްޕޯޓްސް ބްރޭންޑުގެ އިޝްތިހާރެއްގައި--ފޮޓޯ/ޕިންޓްރެސްޓް
ނެށުމުގެ ހުނަރު ދަސްކުރުމަށް ޓައިގާގެ އެކަޑެމީއާ ގުޅޭ މީހުންނަށް ތަމްރީނުދޭނީ ދުނިޔޭގެ ފެންވަރުގެ އިންސްޓްރަކްޓަރުން ކަމަށާއި ސްޓޭޖާ ހަމައަށް އެ މީހުން ގެނެސްދިނުމާ ހަމައަށް ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބޭނެ ކަމަށް ޓައިގާ ވަނީ ބުނެފައެވެ.
ތަފާތު އެކި ޑާންސް ފޯމްތައް އިންޑިއާގެ އެކި ސަރަހައްދުތަކަށް ތަޢާރަފްކޮށްދިނުމަކީ ޓައިގާގެ އެކަޑެމީގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.
ކުރީގެ މަޝްހޫރު ފިލްމީތަރި ޖެކީ ޝްރޮފްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޓައިގާ ފަހަކަށް އައިސް ކުޅުނު ފިލްމުތަކަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބުނަސް ގިނަ ފިލްމުތަކުގެ ލަވަތަކުގައި ޓައިގާ ދައްކައިދިން ނެށުންތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ޓައިގާ އަންނަނީ ކެރިއަރުގެ މަޝްހޫރު ފްރެންޗައިސް "ބާޣީ"ގެ ހަތަރުވަނަ ބަޔަށް ތައްޔާރުވަމުންނެވެ.