ބަންގްލަދޭޝްގައި ހިންގަމުންދާ މުޒާހަރާތަކާ ގުޅިގެން ބޮޑު ވަޒީރު ޝެއިޚް ހަސީނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ގައުމުން ފިއްލައިވައިވަޑައިގެންތާ 24 ގަޑިއިރުވެސް ނުވަނީސް، ޖަލުގައި ހުކުމެއް ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ދޫކޮށްލުމަށް ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އަމުރު ކުރައްވައިފިއެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން ޚާލިދާ މިނިވަން ކުރަން ރައީސް ނިންމެވީ އިދިކޮޅު މެމްބަރުންނާ އެކު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

އެ ބައްދަލުވުމުގައި ސިފައިންގެ ވެރިޔާ ވަކަރުއް ޒަމާނާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަތް ކަމަށް އެ ނޫހުގައިވެއެވެ.

އުމުރުން 78 އަހަރުގެ ޚާލިދާއަކީ އިދިކޮޅު މައި ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ އިސްވެރިޔާއެވެ.

އޭނާ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ވެވަޑައިގަތީ 1991ގައެވެ. އޭނާ އެ މަގާމަށް ވަޑައިގަތީ 1977އިން 1981 އަށް ބަންގްލަދޭޝްގެ ރައީސްކަން ކުރެއްވައި، 1978 ވަނަ އަހަރު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އުފެއްދެވި ފިރިމީހާ ޒިޔާއުއް ރަހުމާން އަވަހާރަކޮށްލުމުންނެވެ. ޚާލިދާ ދެވަނަ ފަހަރަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001އިން 2006އަށެވެ.

ދެހާސް ހަ ވަނަ އަހަރު އެކަމަނާގެ ސަރުކާރުގެ ދައުރު ނިމުމުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އިންތިޚާބު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ފަސްކުރިއެވެ. އަދި އޭގެފަހުން އެ ގައުމުގެ އަސްކަރިއްޔާއިން ވަގުތީ ގޮތުން ވެރިކަމާ ހަވާލުވިއެވެ.

އެ ދުވަސްވަރު ސަރުކާރުން ވަނީ ޚާލިދާއާއި އޭނާގެ ދެދަރިންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފައެވެ. ބަންގްލަދޭޝްއަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމު ކަމަށް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އިން ދައްކައިފައި ވަނީ ޚާލިދާގެ ވެރިކަމުގައެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެކަމަނާ ޖަލަށްލީ ކޮރަޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަމަވެސް އެއީ ސިޔާސީ މައިދާނުން އޭނާ ދުރުކުރަން ކުރި ކަމެއް ކަމަށް ޚާލިދާ ތުހުމަތު ކުރައްވައެވެ. ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އޭނާ ހުންނަވަނީ ގޭބަންދުގައެވެ.

ފަހަކަށް އައިސް ސިއްހީ އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ޚާލިދާ ވަނީ ބޭސްފަރުވާއަށް ބަންގްލަދޭޝް އިން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވައިފައެވެ.

ޝެއިޚް ހަސީނާގެ 15 އަހަރުގެ ވެރިކަން މިއަދު ނިމުމަކަށް އައީ ގިނަ ދުވަސްތަކެއް ވަންދެން އެގައުމުގައި ކުރަމުން އައި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވި ޕްރެޝަރާ ހެދިއެވެ. ހަސީނާ ވަނީ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައި ފިއްލަވައިވަޑައިގެންފައެވެ. އެއާއެކު ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލާނެކަން އިއުލާންކޮށްފައެވެ.