ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު އަންނަ މަހު ބޭއްވުމަށް ނިންމައި، އެ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ، މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިކޮށްމައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ.

އަންނަމަހުގެ 12 އިން 14އަށް ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00ގެ ނިޔަލަށް އަދި ރޭގަނޑު 20:00 އިން 22:00ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

އެމްއެންޔޫއިން ބުނީ، މައުރަޒު ބޭއްވުމުގެ މަގުސަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި ޝާއިއު ނުކުރެވި ހުރި އައު ފޮތް ފަދަ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދެވޭނެ މާހައުލެއް އުފެއްދުން ކަމަށެވެ.

މީގެއިތުރުން، ފޮތަށް އަހުލުވެރިކުރުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުގު އުފެއްދުމާއި ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

ގައުމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.