ޑީއާރުޕީގެ ސިޔާސީ ހަރަކާތްތައް އިތުރުކުރުމަށް އެ ޕާޓީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕާޓީގެ ރައީސް އަހުމަދު ތަސްމީން އަލީ މިއަދު ހެނދުނު ނައިފަރަށް ވަޑައިގެންފި އެވެ.

ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު މިއަދު ވިދާޅުވީ ތަސްމީންގެ މިދަތުރުފުޅަކީ ނައިފަރާއި ހިންނަވަރުގައި ތިބި އެ ޕާޓީގެ މެންބަރުންނާ ބައްދަލުކޮށްލައްވައި ޕާޓީގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި އެ ދެ ރަށުގައި ވެސް ޑީއާރުޕީގެ ޖަގަހައެއް ހުޅުވައިދެއްވާނެ ކަމަށެވެ.

"މިބައްދަލުވުމަކީ ޑީއާރުޕީން ބާއްވަމުންގެންދާ ބޮޑެތި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް. މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެ ދެ ރަށުގައި ތިބި ޑީއާރުޕީގެ މެންބަރުންނާ ބައްދަލުކުރެއްވުން،" ސޯލިހު ވިދާޅުވި އެވެ.

ތަސްމީންގެ އެ ދަތުރުފުޅުގައި މިއަދު ހަވީރު ހިންނަވަރަށް ވަޑައިގެން އެ ރަށުގައި ޑީއާރުޕީގެ ޖަގަހައެއް ހުޅުވައިދެއްވުމަށް ފަހު އެ ޕާޓީގެ ބައްދަލުވުމެއް އެ ރަށުގައި ބާއްވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ. އަދި އެއަށް ފަހު ނައިފަަރަށް އެނބުރި ވަޑައިގެން އެ ރަށުގައި ވެސް އެ ޕާޓީގެ ޖަގަހެއް ހުޅުވައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީގެ ޖަލްސާއެއް މިރޭ ނައިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދަތުރުފުޅުގައި ޑީއާރުޕީގެ ހިމެނިވަޑައިގެންނަވާ ބައެއް ނައިބް ލީޑަރުންނާއި ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. ތަސްމީންގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާދަމާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.