05 Aug 2024, 16:50
ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ސޯލާ ހަރުކުރަން އެ ކުންފުނިން ނިންމައިފިއެވެ.
މިއީ ފެނަކަ އިންހައުސް ސޯލާ ޕްރޮގްރާމްގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ސޯލާ ހަރުކުރަން ނިންމާފައި ވަނީ ފެނަކަ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގެ ފުރާޅުގައެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވަނީ ފެނަކަ އިންހައުސް ސޯލާ ޕްރޮގްރާމްގެ ދަށުން މުޅި ޖުމުލަ 5.2 މެގަވޮޓް ސޯލާ ހަރުކުރެވޭ އިރު މި މަޝްރޫޢުގެ ޖުމުލަ އަގަކީ 92 މިލިއަން ރުފިޔާ ކަމަށެވެ.
އަދި މި މަޝްރޫޢުގެ ދަށުން އަހަރަކު 2.6 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި، އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލް ކަމަށް ފެނަކައިން ބުންޏެވެ. މި މަޝްރޫގެ ދަށުން 18 އަދި 30 ކިލޯ ވޮޓްގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރެވޭއިރު މި މަޝްރޫޢު ފޯމިއުލޭޓްކޮށް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
އިޔާދަކުރުވަނިވި ހަކަތައިގެ މި ޕްރޮގްރާމްގެ ދަށުން ފެނަކައިން ސޯލާ ނިޒާމް ހަރުކުރަން ނިންމާފައިވާއިރު، ފެނަކައިން ދަނީ އިިޔާދަކުރުވަނިވި ހަކަތައިގެ މަގުން ހަކަތަ އުފެއްދުމުގައި ވެސް ކުރިއެރުން ތަކެއް ހޯދަމުންނެވެ.
އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާ ގުޅިގެން "ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން" ވެސް ފެނަކައިން ސޯލާ ހަރުކުރުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ.
ފެނަކައިން ވަނީ ފެނަކައިން ޙިދުމަތްދޭ އަށް ރަށެއްގެ އިންޖީނުގެ އަދި އޮފީސް އިމާރާތުގައި މިދިޔަ ދެ އަހަރު ތެރޭ 191 ކިލޯ ވޮޓްގެ ސޯލާ ނިޒާމު ހަރުކޮށްފައެވެ. މީގެ އިތުރުން އެހެނިހެން މަޝްރޫރުތަކުގެ ދަށުން ފެނަކައިން ޙިދުމަތް ދެމުން ގެންދާ ރަށްތަކުގައި ޖުމުލަ 14 މެގަވޯޓްގެ ސޯލާ ނިޒާމު އިންސްޓޯލްކޮށް މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ.
ސަރުކާރުން އިޔާދަ ކުރުވަނިވި ހަކަތަ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތައް މި މަޝްރޫއުތަކުގެ ސަބަބުން އިތުރު ބާރެއް ލިބޭނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަދި ހަމައެއާއެކު ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ފާހަގަކުރެވޭ ކުރިއެރުންތައް ލިބި، ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި މިކަމުގެ ސަބަބުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.