ސްޕެނިޝް ލަލީގާގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ފަރަންސޭސިވިލާތުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ގުޅުނު ނަމަވެސް އެޓީމުގެ މެދުތެރެއިން ކުޅޭ އިންގްލަންޑްގެ ޖޫޑް ބެލިންހަމް ކުޅޭ ދައުރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

މިދިޔަ ސީޒަންގައި ރެއާލްއާ ގުޅުނު ބެލިންހަމް ފުރަތަމަ ސީޒަންގައި ކުޅެފައިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ހަމަލާތަކުގައި ބައިވެރިވެގެންނެވެ. މިގޮތުން އޭނާ ވަނީ މިދިޔަ ސީޒަންގައި ރެއާލްއަށް ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށް ކުރި މަސައްކަތުގައި ކުޅުނު 42 މެޗުގައި 23 ލަނޑު ޖަހައިދީފައެވެ.

އުމުރުން 25 އަހަރުގެ އެމްބާޕޭ އެޓީމާ ދާދިފަހުން ފްރީ ޓްރާންސްފާއެއްގެ ދަށުން ގުޅިފައިވާއިރު އެކަމުގެ ސަބަބުން ޓީމުގައި ބެލިންހަމް ކުޅޭ ދައުރަށް ބަދަލު އައިސްފާނެކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެންޗެލޯޓީ ހާމަކުރިގޮތުގައި ބެލިންހަމް ކުޅޭ ދައުރަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

އޭނާ ބުނީ ފުރަތަމަ ސީޒަންގައި ބެލިންހަމްވަނީ އެންމެން ހައިރާން ކޮށްލައިފައި ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަންގައިވެސް އޭނާ ކުޅޭ މަގާމާއި ކުޅުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ބުންޏެވެ.

ބެލިންހަމް ވާނީ ކުރިއަށް އޮތް ސީޒަންގައިވެސް އެޓީމުގެ އެންމެ މުހިންމު އަދި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށް ކަމަށް އެންޗެލޯޓީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބައެއް ފަރާތްތަކުން ބެލިންހަމް ޔޫރޯގައި ދެއްކި ކުޅުމަށް ފާޑު ކީ ނަމަވެސް އޭނާ ގަބޫލް ކުރާގޮތުގައި ބެލިންހަމްވަނީ ޔޫރޯގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި އިންގްލަންޑުން ފައިނަލަށް ދެވުނީވެސް މޮޅުވީމާ ކަމަށް އޭނާ ހާމަކުރިއެވެ.

މިވަގުތު އެމެރިކާއަށް ޕްރީ ސީޒަން ޓުއާއެއް ކުރަމުންދާ ރެއާލް ޓީމު ދެން ކުޅުމަށް ހަމަޖެހިފައިވާ އެންޗެލޯޓީގެ ކުރީގެ ކްލަބް ޗެލްސީގެ ވެރިން ބަދަލުވިފަހުން ވަރަށް ގާތްގާތުގައި ގިނަ ކޯޗުންތަކެއް ބަދަލުކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާވަނީ ކޯޗުންނަށް ވަގުތު ދިނުމުގެ މުހިންމު ކަން ފާހަގަކޮށްފައެވެ. އަދި ޗެލްސީއިން ޒުވާން ރަނގަޅު ކުޅުންތެރިން ހޯދުމަށް ވަރަށް ރަނގަޅަށް އިންވެސްޓް ކޮށްފައިވާ ކަމަށާއި މިހާރު ހުރި ކޯޗު އެންޒޯ މަރެސްކާ އަކީ ޒުވާން ކޯޗެއް ކަމަށާއި އެހެން ކަމުން އޭނާ ބޭނުންވާ ގޮތަށް ޓީމު ބައްޓަން ކުރުމަށްޓަކައި ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެންޗެލޯޓީ ބުންޏެވެ.

ޗެލްސީއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗު ވާނީ އެމެރިކާ ޓުއާގައި ރެއާލް ކުޅޭ ފަހު މެޗަށެވެ.