23 Jun 2012, 14:01
ޕޮލެންޑާއި ޔޫކުރޭންގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިފަހަރު ކާމިޔާބު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އާޖެންޓީނާގެ ހުނަރުވެރި ޒުވާން ފޯވާޑް ލިއޮނަލް މެސީ ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް ފަރަންސޭސިވިލާތް ބައްދަލުކުރާ މެޗުގެ ކުރިން އިނގިރޭސި މީޑިއާތަކުގައި މެސީ ވަނީ މިފަހަރުގެ މުބާރާތް ސްޕެއިނުން ކާމިޔާބު ކުރާނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.
"އަހަރެންގެ ނަޒަރުގައި މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރާނީ ސްޕެއިން. މުބާރާތް ސްޕެއިން އިން ކާމިޔާބު ކުރާނެ ކަމާމެދު އަހަރެން އެއްބަސް ވަން. ސްޕެއިން ޓީމްގައި މޮޅެތި ކުޅުންތެރިން އެބަތިބި. އިނިއެސްޓާ އަދި ޒަވީ އަކީ ސްޕެއިން ޓީމަށް ކާމިޔާބު ހޯދާ ދެވޭ ވަރުގެ މޮޅެތި ކުޅުންތެރިން" ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޔޫރަޕުގެ ސީޒަނެއް ނިމުމުގެ ކުރިން 60 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ދިފާއު ކޮށްފައިވާ ބާސާގެ ޒުވާން ފޯވާޑް މެސީ ބުންޏެވެ.
މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމަށް މިރޭ ރާއްޖެ ގަޑިން 11:45 ގައި ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދާފައި ވަނީ ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާއެކު އެވެ. އަދި ސްޕެއިންނާ ދެކޮޅަށް ނުކުންނަ ފްރާންސް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި ވަނީ ގްރޫޕް ޑީ ގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓާ އެކު އެވެ.
މިރޭގެ މެޗުގެ ކުރިން ފްރާންސްގެ ކޯޗް ލޯރަން ބްލޮންކް ބުނެފައި ވަނީ މިފަހަރުގެ މުބާރާތުގައި އިޓަލީ އާއި ކްރޮއޭޝިޔާ އިން ސްޕޭނާ ދެކޮޅަށް ދެއްކި ކުޅުމުން ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރެވިދާނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށެވެ.