23 Jun 2012, 13:29
އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބޭއްވި ބައްދަލުވުމަށްފަހު މި ސަރުކާރާއި ރައީސް ވަހީދު އދ އިން ގަބޫލު ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ނިމުން އަތުވެއްޖެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާއެކު ރައީސް ވަހީދު ބްރެޒިލްގައި ރިއޯގައި އިއްޔެ ބޭއްވެވި ބައްދަލުވުމަށްފަހު ޔަގީންކަން ލިބިފައިވާ ކަމަށާއި މި ސަރުކާރާއި ރައީސް ވަހީދު އދ އިން ގަބޫލު ނުކުރާ ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތައް އިތުރަށް ދެއްކުން ވެގެންދާނީ ތާކުންތާކު ނުޖެހޭ ކަމަކަށް ކަމަށެވެ.
އަދި ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އދ އިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމާ އެއްބާރުލުން ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން ބަންކީ މޫން ރައީސް ވަހީދަށް ދެއްވާފައިވާ ކަމަށެވެ.
"ދިވެހި ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާ އދ އިން ގަބޫލު ނުކުރާ ކަމަށް އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް މިހާރު މިއޮތީ ނިމުން އައިސްފައި. އެއީ އދ ގެ ސެކެރެޓަރީ ޖެނެރަލް ބައްދަލެއް ނުކުރައްވާނެ ދުނިޔޭގެ އެއްވެސް ގައުމެއްގެ ވެރިއަކާ، ގާނޫނީ [ހައިސިއްޔަތެއް ނެތް] ނުވަތަ އިންޓަނޭޝަނަލް ކޮމިއުނިޓީގައި އެފަދަ މައްސަލައެއް އުޅޭ ބޭފުޅަކާއެއް. އެހެންވެ މި ބައްދަލުވުމަށްފަހު އެފަދަ ވާހަކައެއް ދެއްކުމަކީ ތާކުންތާކު ޖެހޭނެ ކަމަކަށް ނުވާނެ،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ޖެނުއަރީ 14، 2012 އިން ފެށިގެން ފެބްރުއަރީ 8، 2012 ގެ ނިޔަލަށް ރާއްޖޭގައި ހިނގައިދިޔަ ކަންކަން މިނިވަންކޮށް އިންސާފުވެރިކަމާއެކު ތަހުގީގު ކުރަން އެކުލަވާލާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ މަސައްކަތްތައް ހަރުދަނާކުރަން ސަރުކާރުން ފެށި މަސައްކަތްތަކުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލަށް ބާންކީ މޫންއަށް ރައީސް ވަހީދު އެރުވި ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން އދ ގެ ފަރާތުން ދިވެހި ސަރުކާރަށްދޭ އެހީތެރި ކަމަށް ޝުކުރު އަދާ ކުރެއްވި ކަމަށެވެ.
އައްބާސް ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ މެރިން ރިޒާވްއެއްގެ ޕޮލިސީއެއް ކަނޑައެޅުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ އެކަމަށް ވެދެއްވެން އޮތް އެހީތެރިކަން އދ. އިން ވެދެއްވާނެ ކަމަށް ބަންކީ މޫން ވިދާޅުވި ކަމަށާއި މިހާތަނަށް އދ އާއި ރާއްޖެއާ މެދު އެއްބަސްވެފައިވާ ކަންތައްތައް އެގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިފަހުން ރާއްޖޭގެ ސިޔާސީ މަސްރަހު އުފެދިފައިވާ ނުތަނަވަސްކަން ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކައިގެން ހައްލުކުރުމަށް އދ އިން ވަނީ ގޮވާލާފަ އެވެ.