ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ބަތަލާ އަދި މޮޑެލް މަލައިކާ އަރޯރާ ރާއްޖޭ އަތުވެއްޖެއެވެ.

މަލައިކާ ރާއްޖެ އައިސްފައި ވަނީ ގްލޯބަލް ސްޕާ އިންޑިއާގެ ފަރާތުން ރާއްޖޭގެ ރިސޯޓެއްގައި ކުރިޔަށްގެންދާ ޚާއްސަ ފޮޓޯ ޝޫޓެއްގެ މަސައްކަތުގައެވެ. ގްލޯބަލް ސްޕާ އިންޑިއާގެ ޚާއްސަ ޓީމުން ކުރިޔަށްގެންދާ މި ފޮޓޯ ޝޫޓިންގެ ބައެއް މަންޒަރުތައް ޝޫޓުކޮށްފައިވާއިރު މޫސުމް ގޯސްވުމުގެ ސަބަބުން ބައެއް މަންޒަރުތައް ނުނެގޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖޭގެ ފަސް ތަރީގެ ރިސޯޓު ކަމަށްވާ ހެރިޓެންސް އާ ރަށުގައި މަލައިކާ ދުވަސްތައް ހޭދަކުރަމުން އަންނަކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ވަނީ ފޭނުންނާ ހިއްސާކޮށްފައެވެ. މީގެއިތުރުން ގްލޯބަލް ސްޕާ އިންޑިއާއިން ވެސް ވަނީ ޚާއްސަ މެގަޒިންއެއްގެ ޝޫޓު ރާއްޖޭގައި ކުރިޔަށްގެންދާކަން ހާމަކޮށްފައެވެ.

މަލައިކާ ކުރީގެ ލޯބިވެރިޔާ އެކްޓަރު އަރުޖުން ކަޕޫރާ އެކު 2021ވަނަ އަހަރު ރާއްޖޭގައި--ފޮޓޯ/ޕިންކްވިލާ
ދާދިފަހުން ލޯބިވެރިޔާ އަރުޖުން ކަޕޫރާ އެކު އޮތް ޒަމާންވީ ލޯބީގެ ގުޅުން ނިންމާލި ޚަބަރާއެކު މަލައިކާ އަރޯރާގެ ކޮންމެ ހަރަކާތަކަށް ވެސް އިންޑިއާގެ މީޑީއާއިން އަންނަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ. މަލައިކާ ރާއްޖެ އައިސްފައި މިވަނީ ދާދިފަހުން ޔޫރަޕުގެ ބައެއް ޤައުމުތަކުގައި އެކުވެރިންނާ އެކު ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

މަލައިކާ އާއި އަރުޖުންގެ ލޯބީގެ ގުޅުން ނިންމާލިކަން ދެ މީހުންގެ ފަރާތުން ރަސްމީކޮށް އިއުލާނުކޮށްފައި ނުވިނަމަވެސް ދާދިފަހުން އިންޑިއާގެ މުމްބާއީގައި ކުރިޔަށްދިޔަ ހަފްލާއެއްގައި އަރުޖުން އާއި މަލައިކާ އެކަކު އަނެކަކަށް އަނގައިންވެސް ބުނެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެކުރިން ވެސް އެކި ފަހަރުމަތިން ރާއްޖެ އައިސްފައިވާ މަލައިކާ ވަނީ 2021ވަނަ އަހަރު އަރުޖުންއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.