ޑާކާ (5 އޮގަސްޓް 2024) : ބަންގްލަދޭޝްގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް މިދިޔަ މަހު ފެށި މުޒާހަރާތައް ހުއްޓާލިތާ ދޮޅު ހަފުތާ ފަހުން މިހާރު އަލުން މުޒާހަރާތައް ފެށީ ކުރީގެ މުޒާހަރާތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމަށް އެދިއެވެ. އަދި ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މުޒާހަރާކުރާ އާންމުން ބުނާގޮތުން މުޒާހަރާކުރާ މީހުންނަށް ހަމަލާދެނީ ޝައިޚް ހަސީނާގެ އަވާމީ ލީގު ޕާޓީގެ ހަރުކަށި އެކްޓިވިސްޓުންނެވެ. މުޒާހަރާގެ ބައިވެރިންނާއި އަވާމީ ލީގު ޕާޓީގެ އެކްޓިވިސްޓުންނާ ދެމެދު މަގުތަކުގައި ދަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

މުޒާހަރާގެ ބައިވެރިންނާއި ހަސީނާގެ އެކްޓިވިސްޓުންނާ ދެމެދު ކުރިމަތިލުންތައް ހިނގަންފެށީ އަލިފާން ބޮން ފަދަ ތަކެތި ބޭނުންކޮށްގެން އެކްޓިވިސްޓުން މުޒާހަރާ ކުރާ މީހުންނަށް ހަމަލާތައް ދޭންފެށުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލަށްފެށި މުޒާހަރާތައްވެސް އިންތިޒާމުކުރީ ބަންގްލަދޭޝްގައި އޮންނަ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ކިޔަވާކުދިންގެ ހަރަކާތުންނެވެ. އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓް ނަމަކަށް ކިޔާ ޖަމާއަތުންނެވެ. މިއީ ކިޔަވާކުދިންގެ ޖަމިއްޔާ އެކެވެ.

މި ޖަމިއްޔާއިން ރާވައިގެން ކުރިޔަށްގެންދާ މުޒާހަރާތަކުގެ މައިގަނޑު ބޭނުމަކީ މީގެ ދޮޅު ހަފުތާކުރިން ކުރި މުޒާހަރާތަކުގައި ފުލުހުން މަރާލި 150 އަށް ވުރެ ގިނަ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށާއި އަދި އެ މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފިއްތުންތައް ކުރިމަތިކުރުމެވެ.

މުޒާހަރާތައް ކުރިޔަށް ދަނީ ވެރިރަށް ޑާކާ އާއި ޑާކާގެ ވަށައިގެންވާ އަވަށްތަކުގެ އިތުރުން ޗޮއްޓޮގްރާމާއި ސިލޭޓާއި ބޮރީޝާލްގައެވެ. މުޒާހަރާކުރާ ފަރާތްތަކުން ވަނީ އެ މީހުންގެ އެދުންތަކަށް އިޖާބަ ނުދޭނަމަ ފުޅާދާއިރާއެއްގައި މަދަނީ ބަސްނޭހުމަކަށް ރައްޔިތުން ގެންދާނެކަމުގެ އިންޒާރު ވެސް ދީފައެވެ.

ފުލުހުން ބުނާގޮތުން މުޒާހަރާ ކުރާ މީހުންގެ ހަމަލާތަކުގައި ފުލުހުންގެ ތޭރަ މީހަކު ވަނީ ފާއިތުވި ތިން ދުވަހު މަރުވެފައެވެ. އެއީ ސިރާޖްގާނީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އެތައް ހާސްބަޔަކު އަރައިގަނެ ހަމަލާތައް ދިނުމާ ގުޅިގެންނާއި އެނޫންވެސް ހަމަލާތަކުގައެވެ.

ބަންގުބޮންދުގައި ހުންނަ ޝައިޚް މުޖީބުއްރަހްމާން މެޑިކަލް ޔުނިވާސިޓީ ކައިރީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ވެސް ވަނީ ހުޅުޖަހާފައެވެ. ހުޅުޖަހާފައިވާ އުޅަނދުތަކުގެ ތެރޭގައި ކާރުތަކައި އެމްބިޔުލާންސްތަކާއި ސައިކަލާއި ބަސްތައް އަދި ބައިސްކަލްތައް ވެސް ހިމެނޭކަމަށް ޚަބަރުލިބެއެވެ. މީގެ އިތުރުން މުޒާހަރާ ކުރާ މީހުން ވަނީ ހަ ކާރުޚާނާއެއްގައިވެސް ހުޅުޖަހައި އެތަންތަން އަންދާލާފައެވެ.

މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މުޒާހަރަކުރާ ދަރިވަރުންނާ މަޝްވަރާކުރުމަށް ޝައިޚް ހަސީނާގެ ސަރުކާރުން ހުށަހެޅުމުން މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާ އިސްތިއުފާ ނުދެއްވަނީސް މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފައެވެ. މުޒާހަރާތަކާއެކު ހަމަނުޖެހުން އާދަޔާ ޚިލާފަށް އިތުރުވެ ވެހިކަލްތަކާއި އިމާރާތްތަކުގައި ހުޅުޖަހާތީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އިސްވެރިންވަނީ މުޒާހަރާތައް ހުއްޓުވުމަށްޓަކައި ފުލުހުންނާ ގުޅިގެން ބާރުގެ ބޭނުންކުރަން ތައްޔާރުވާ ކަމުގެ އިންޒާރު ދީފައެވެ.