"އުމުރުގެ ކުރީކޮޅު ނަމާދުތައް ދޫކޮށްލެވިފައިވާނަމަ ގިނަގިނައިން ސުންނަތް ނަމާދުތައް ކުރާށެވެ. އޭރުން ގިޔާމަތް ދުވަހު ހިސާބު ބައްލަވާއިރު ފަރުޟުނަމާދުތަކުން ފުރިހަމަނުވެ އޮތްތަން ސުންނަތް ނަމާދުތަކުން ހަމަވާނެކަމަށް ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްގައިވެއެވެ."

***

މާޒިމް ގެއިން ނިކުމެގެން ދިޔަ ވަގުތު އަހްމަދު އޭނާއަށް ގޮވުމުންވެސް އަޅާނުލާ ދާން ހިނގައިގަތީ އަވަސް ވެފައި ހުރއެވެ. އެކަމަކު އަހަމަދު ދުވަމުންގޮސް އޭނަ އާއި އަރާ ހަމަކުރިއެވެ.

" އަހްމަދުބެ ތަނަކަށް ދާން ލަސްވެފަ....ފަހުން ވާހަކަ ދައްކާނަން...." މާޒިމް ދުރަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.

" ލަސްވިޔަސް މި ބަސް އަޑުއަހާފަ ދޭ....އުރުޖުވާން ގެ ހިތުގައި ޖެހޭ ފަދަ ކަމެއް މާޒިމް ކޮށްފި ދުވަހަކީ މާޒިމް ގެ ހަޔާތުން އުރުޖުވާން މުޅިން ގެއްލޭނެ ދުވަސް...އެކަން ހަނދާނުގައި ބަހައްޓާތި..." އަހަމަދު ދިނީ އިންޒާރެކެވެ. މާޒިމް އަށް އެނބުރިލެވުނެވެ. އަހްމަދުގެ މޫނުގައިވީ ސީރިޔަސް ކަމެވެ.

"ކީއް...ކިއްވެ ތިހެން...." މާޒިމްއަށް ވާހަކަދައްކަން އުދަގޫވިއެވެ.

އެވަގުތު އުރުޖުވާން ދުވަމުން ކަހަލަ ގޮތަކަށް އައިސް އެމީހުންނާއި އަރާހަމަ ކުރިއެވެ. އަހްމަދު ގެ މޫނު މަތީގައި ވި ސީރިޔަސް ކަން ފިލުވާލީ ލުއި ހިނިތުންވުމަކުންނެވެ. އަދި އުރުޖުވާން އާއި މާޒިމް އަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ގޮތުން ވަނީ ބަގީޗާ ތެރެއަށެވެ.

" ސައި ނުބޮއި ދަނީތަ؟" އުރުޖުވާން އަވަސްއަރުވާލާފައި އައިވަރު އޭނަ ހެދުން އަޅާފައި ހުރިގޮތުން ފާހަނގަ ވިއެވެ. ޝޯލް ނުބައި ފުށަށް އަޅައިގެން އައި އިރު އިސްތަށިގަނޑުވެސް އޮތީ ހޭވިފައެވެ. މާޒިމް ފުން ނޭވާ އެއް ދޫކޮށްލަމުން އެނބުރުނެވެ. އުރުޖުވާން ވާހަކަ ދެއްކިއިރު މޫނަށް ވެސް ބަލައިނުލައެވެ.

" އެއީ އާޖަންޓް ކަމަކު ހޮސްޕިޓަލަށް ދާން ޖެހޭތީ....." މާޒިމް އޭނާގެ ލޯ ފޮރުވުމަށް އަވި އައިނު އަޅާލިއެވެ. އުރުޖުވާން މާޒިމްގެ އަތުގައި ހިފައިލީ މަޑުމަޑުންނެވެ.

"އެކަމަކު ވެސް އެއްޗެއް ކައިގެން ދާންވީނު....ރޭގަ ވެސް އެހާ ބަލިކޮށް އުޅެފަ....އައި ވޮރީ ފޯ ޔޫ..." އުރުޖުވާން ކަންބޮޑުވިއެވެ. މާޒިމް އެނބުރުނެވެ. އުރުޖުވާން ގެ ލޮލުން ފެނުނީ ލޯތްބާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. އެތައް ޖަޒުބާތުތަކުން މަސްހުނިވެފައިވާ ރީތި ލޮލެކެވެ. އެ މޫނުގައި ވީ މައުސޫމުކަން މާޒިމް ގެ ހިތް ހަލާކުކުރުވިއެވެ. އެތައް ކުށްވެރި އިހުސާސްތަކުން ސިކުނޑި ހައިޖާނު ކޮށްލަނީ އުރުޖުވާންއާއި ހަތަރުކަޅިހަމަވާ އިރުގައެވެ.

" އުރޫޖް މިހާރު ޖެހޭނީ އެންމެ ކަމަކަށް ވިސްނައިގެން އުޅެން....އެހެން ނޫނަސް ތިހެން ބަދިގޭގަ މަސައްކަތް ކޮށް ހަދަން މިހާރު ރަނަގޅެއް ނުވާނެ....އައި ވިލް އެރޭންޖް އަ މެއިޑް ސޫން....ޓޭކް ކެއަ..." ފަހު ޖުމްލައާއެކު އުރުޖުވާން ގެ ބޮލުގައި އޭނަ ފިރުމާލީ ވަރަށް ލޯބިންނެވެ. އުރުޖުވާން އަށް ޖަވާބެއް ދިނުމަށް ފުރުސަތު ނުދީ އަވަހަށް މާޒިމް ނިކުމެގެން ދިޔައެވެ. ކަރު އެލުވާލައިގެން ހުރި އުރުޖުވާންއަށް މާޒިމް ލޯ މަތިން ގެއްލެން ދެން ބަލަހައްޓައިގެން ހުރެވުނެވެ. އަހްމަދަށް އެ މަންޒަރު ފެނި އުރުޖުވާން ގެ މޫނަށް ހިނިތުންވުމެއް ގެންނަން ބޭނުންވިއެވެ.

" މިއޮތީ މާ ބޮނޑިއެއް....." އަހްމަދު ދިއްކޮށްލިއެވެ. އުރުޖުވާން ގެ ލޮލުގެ ވިދުން ގަދަވިއެވެ. އަދި ރަކި ހިނިތުންވުމެއް އެ މޫނަށް ވެރިވިއެވެ.

" ދަރިފުޅު ކީއްވެ އެހާ ކަންބޮޑުވަނީ؟ޑަކުތަރުންނަކީ ނުލާހިކު ބިޒީ ބައެއް....ބައްޕަ މެން މިހެން މަސައްކަތެއް ނުކޮށް ތިއްބަސް....ހިނގާ ދެމީހުން ސައިބޯލަން ދަމާ....އަހަރުމެން މާޒް އަށް ފޮނުވާނީ ދަހިކޮށްލަން ފޮޓޯ ކޮޅެއް....އެހާ ހާސް ވާ އެއްޗެއް ނޫނޭ...." އަހްމަދު ވާހަކަ ދެއްކި މުސްކުޅި ރާގެއްގައެވެ.

"ހަމަ މާމަ ދައްކާ ރާގަށް..." އުރުޖުވާން އަށް ހެވުނެވެ. އުރުޖުވާން ގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބުނެވެ.

" މޮޅު ހިޔާލެއް.....ހިނގާ މާޒް އަށް ދޭން އެއްޗެއް ހިފައިގެން ދަމާ....ހަސްފަތާލަށް...އެ ބަހަނާގައި ގޮސް އޭރުން ޑޮކްޓަރަށް ވެސް ދެއްކިދާނެތާ...." އަހްމަދު ލަފާ ދިނެވެ.

"ޔެސް.....ތި ވަރަށް ރަނަގޅު ޚިޔާލެއް...އިއްޔެގަ ތައްޔާރުކުރި ކޭކު ވެސް ހުންނާނެ....އަވަހަށް ހިނގާ ރެޑީ ވަމާ..." އުރުޖުވާންގެ ހިތް އަވަސް ވިއެވެ. އުރުޖުވާން ގެ އުޅުން މެހެކް އާއި އެއްގޮތް ކަމުން އަހުމަދަށް ހެވުނެވެ.

" ދަރިފުޅާ....ހަމަޖެހިލަބަ....ފަހަރަކު ކަމެއް....އެހެން ނޫނަސް ނުހަނު ބަލައިގެން އުޅެންވާނީ މިހާރު..."

***

މާޒިމް ކާރަށް އަރައި މިސްރާބު ޖެހީ ފަހަދް ގެ ގެއަށެވެ. ފޯނު ނެތުމުން ފަހަދް އަށް ގުޅޭނޭ ގޮތެއްވެސް ނެތެވެ. މާޒިމް ބޭނުންވީ ފަހަދްއަށް ހުރިހާ ހަގީގަތެއް ކިޔަައިދިނުމަށެވެ. އެދުވަހުގައި ހިނގި އެއްވެސް ކަމަކީ އޭނާގެ އަމިއްލަ ކޮންޓްރޯލުގައި ކުރެވުނު ކަމެއް ނޫން ކަން ބުނެދިނުމަށް މާޒިމް ބޭނުންވިއެވެ. އެ ގޭގެ ބެލް އެޅުމުން ދޮރު ހުޅުވާލަދިނީ ގޭގެ ޚާދިމެވެ.

" ކޮބާ ފަހަދް؟" މާޒިްމ ކެތްމަދުކަމާއެކު ފަހަދް އަށް ގޮވާލަދިނުމަށް އެދުނެވެ.

" ފަހަދް ބަބާ....ނާންނަނީ ގެއަށް...ހޮސްޕިޓަލް ގަ ކަންނޭނގެ..." އެ ބޭރު މީހާ ޖަވާބު ދިނެވެ. މާޒިމް ހޮސްޕިޓަލަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އެގެއާއި އެހާ ދުރުނޫން ކަމުން ހޮސްޕިޓަލަށް ދާން މާ ގިނަ އިރުތަކެއް ނުވިއެވެ. ކާރުވެސް ރަނަގޅަށް ޕާކު ކޮށްނުލައި މާޒިމް ދިޔައީ ފަހަދް ގެ އޮފީހަށެވެ.

" މާޒް....ހާދަ އަވަހަކަށް..." އެ އޮފީހުގެ ބޮޑު ގޮނޑީގައި އިނީ ފަރަހް އެވެ.

"ކޮބާ ފަހަދް....ފަރަހް މިތާ ކޮންކަމެއް..." މާޒިމް ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

" ކިހިނެއްވީ މާޒް ޖެލަސް ވީތަ؟....ފަހަދް ވީ ޗުއްޓީއެއްގަ...ހީވަނީ ވަރަށް ބޮޑު ޗުއްޓީއެއް ނެގީހެން....އަންޓިލް ދެން އައިމް ފިލިންގް އައުޓް ދިސް ޕޯސްޓް....." ފަރަހް ފޮނިވެލިއެވެ. މާޒިމް އެއްޗެއް ނުބުނެ ހިނގައިގަންނަން އުޅުމުން ފަރަހް ދުވެފައި އައިސް މާޒިމް ގެ އަތުގައި ހިފިއެވެ.

"ފަރަހް މޮޔަވީތަ؟ކިހިނެއްވެގެން ތަ ތި އުޅެނީ...." ފަރަހް ގެ އަތް ފޮޅާލަމުން މާޒިމް އޭނާގެ ރުޅި އިސްކުރިއެވެ.

"އާން މޮޔަވީ....މި ވީޑިޔޯ އުރުޖުވާން އަށް ދައްކާލުމުން އޭނާ ވެސް މޮޔަވާނެ...." ފަރަހް އޭނާގެ ފޯނުން އަޅުވާލީ ވީޑިއޯއެކެވެ. މާޒިމްގެ އަތްތިލަ މުށްކަވައިލެވުނެވެ.

"ކިހިނެއްވެގެންތަ ތި އުޅެނީ ފަރަހް.....ކޮން ކަމެއްތަ ބޭނުންވަނީ....އަހަންނަށް އެދުވަހު ދިނީ ކޯޗެއްކަން ބުނޭ...." މާޒިމް އަށް އޭނާ އަމިއްލަ އިޚްތިޔާރުގައި އެފަދަ ކަމަށް އަރައިނުގަނެވޭނެކަން ވިސްނުނެވެ.

" ޔޫ ހޭވް ޓު މެރީ މީ.....މާޒް ޖެހޭނީ އަހަންނާ އިންނަން....އިތުރު އެއްވެސް ގޮތެއް ނެތް...." ފަރަހް އެންގީ މާޒިމް އަށް ލޯ އަޅާލަމުންނެވެ.

"ތި ނުވާނެ ކަމެއް...އަހަންނަކަށް އުރުޖުވާން ގެ މަގާމެއް އެވެސް މީހަކަށް ނުދެވޭނެ..." މާޒިމް ބޯ ހާސް ކަމާއެކު ވާހަކަ ދެއްކީ އޭނާގެ ދެއަތުގެ ތެރެއަށް ބޯ ލަމުންނެވެ.

***

" ޑޮކްޓަ މާޒިމް ކޮން ރޫމެއްގަ؟" ހޮސްޕިޓަލުގެ ނަރުސް ކުއްޖެއް ކައިރީ އުރުޖުވާން އަހާލިއެވެ. އުރުޖުވާން ގެ ފަހަތުގައި އަހްމަދު ހުރީ އޭނަގެ ހަށިފާރަވެރިޔެއް ހެންނެވެ. އުރުޖުވާން އަށް ބައެއް ފަހަރު ހެވޭ ގޮތް ވެސް ވަނީ އަހްމަދު އެހާ ސަމާލުކަމާއެކު އުރުޖުވާން އަޅާ ކޮންމެ ފިޔަވަޅެއްވެސް ބަލަމުންދާތީއެވެ. ކުޑަ ކުއްޖެއް ގެންގުޅޭ ހާ ސަމާލުކަންދީގެންނެވެ.

"ފަހަދް ގެ އޮފީހުގަ ވީ.....ޑޮކްޓަރ މާޒް ގެ ވައިފް ދޯ....މި ކާޑު ހިފައިގެން ދިޔައީމަ ވަދެވޭނެ އެ އޮފީހަށް....ކުރިޔަށް ގޮސް ކަނާއަތް ފަޅީގަ އިންނާނީ އެ ރޫމް...." އުރުޖުވާން އެ ނަރުހަށް ޝުކުރު އަދާކުރުމަށް ފަހު ހިނގަިއގަތީ އެ ބުނި ދިމާއަށެވެ. އެ އޮފީހުގެ މައި ދޮރު ހުޅުވަން ކާޑު ޖެހުމަށް ފަހު ވަދެގެން އައި އިރު ޒުވާބެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. ހަނި ކޮށް ހުޅުވިފައި އިން ދޮރުން މާޒިމް އާއި ފަރަހް ފެންނަން ހުއްޓެވެ. އުރުޖުވާންގެ ހިތަށް ގޮތްނޭނގޭ ބިރުވެރި އިހުސާސެއް ވަނެވެ. ފިޔަވަޅުތައް މަޑުޖެހެލިއެވެ. އަހަމަދު ވަންނަން ދާން ހެދުމުން އުރުޖުވާން އޭނާގެ އަތުގަައި ހިފައި އިޝާރާތުން މަޑު ކުރުމަށް އެދުނެވެ.

" އަހަރެންގެ އިފަތްތެރިކަމެއް ނެތީތަ؟އިއްޔެގަ މުޅި ދުވަސް އަހަންނާއެކު މާޒިްމ ހޭދަކުރީ މާޒިމް ގެ ހިތުގައި އަހަންނަށް ލޯތްބެއް ނެތީމަތަ؟" ފަރަހް ރޮމުން ވާހަކަ ދެއްކިއެވެ. މާޒިމް ހިމޭންވިއެވެ. އަނގަބަންދު ވީއެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގެއެވެ. އެވަގުތު އުރުޖުވާން ގެ ގައިން ވަރު ދޫވެ ބިންމައްޗަށް ވެއްޓުނެވެ. އަހްމަދަށް އެ މަންޒަރު ފެނުމާއެކު އެހީ އަށް އެދި ހަޅޭއްލަވައިގަނެވުނެވެ.

މާޒިމް އަށް އެ އަޑު އިވި އަވަހަށް ނިކުމެވުނެވެ. ބިންމަތީގައި އޮތް އުރުޖުވާން ފެނުމުން ބިރާއި ސިހުން އަދި ހައިރާންކަމުގެ އަސަރުތަކުން ހުއްޓުން އަރާގޮތްވެފައި ހުރެވުނެވެ. އެއާއެކު ގުދުވެ އުރުޖުވާންއަށް އެހީތެރިވާން އުޅުމުން އަހްމަދު އޭނާ ކޮށްޕާފައި ދުރަށް ލިއެވެ.

"ހަބަރުދާރު.....ދި މުޑުދާރު އަތުން އަހަރެންގެ ދަރިފުޅު ގައިގާ އަތްލައިގެން ނުވާނެ..." އަހްމަދު ގެ އިންޒާރުން މާޒިމް ގެ ހިތް ފުނޑުފުނޑުކުރުވިއެވެ. އެތަނަށް ނަރުހުންނާއި އެހެން މީހުން އައިސް އުރުޖުވާން ސްޓްރެޗާއަށް ލައިގެން އިމަޖެންސީ އަށް ގެންދިޔަ އިރު މާޒިމް ވެސް ފަހަތުުން ދުވެފައި ދިޔައެވެ. މަކަރުވެރި ހިނތުންވުމެއްގައި ހުރި ފަރަހްގެ ކޯތާފަތަށް އެޅިފައިވީ ކަރުނަތައް ފޮހެލިއެވެ. އޭނަގެ މަގުސަދު ހާސިލް ވާނެކަމުގެ އުއްމީދު އާވިއެވެ. ދެކެމުން އައި ފޮނި ހުވަފެންތައް ހަގީގަތަކަށްވާނެ ދުވަސް ކައިރީވިއެވެ.

ނުނިމޭ