05 Aug 2024, 15:30
އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރައްވާ މިހާރުގެ ނާއިބު ރައީސް، ކަމަލާ ހެރިސްގެ ރަނިން މޭޓު ކަމަށް ނޮމިނޭޓުވި ފަރާތްތަކާ އިންޓަވިއު ކުރަން ފަށައިފިއެވެ.
އެގޮތުން ހެރިސްއާ ބައްދަލު ކުރުމަށް ވޮޝިންޓަން ޑީސީއަށް ދަތުރުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ގަވަރުނަރު ޖޯޝް ޝަޕީރޯ އާއި ސެނެޓާ މާކް ކެލީ އަދި ގަވަރުނަރު ޓިމް ވޯލްޒް ހިމެނެއެވެ. އެ ތިން ބޭފުޅުންގެ އިތުރުން ރަނިން މޭޓު ކަމަށް ނޮމިނޭޓްވެފައި ވަނީ ކެންޓަކީގެ ގަވަރުނަރު އެންޑީ ބެޝިއާ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިގޭގްއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ރަނިން މޭޓުންނަށް ނޮމިނޭޓްވެފައި ވަނީ ފަސް ބޭފުޅެކެވެ.
ދެހާސް ބާވީސް ވަނަ އަހަރު ގަވަރުނަރު ކަމަށް އިންތިޚާބުވި ފަހުން ޝަޕީރޯގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. ޝަޕީރޯ ރަނިން މޭޓަކަށް ވެއްޖެނަމަ، ރީޔާސީ އިންތިޚާބުގެ ވޯޓު ވަރަށް މުހިންމު އެއް ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާގެ ގިނަ ވޯޓު ހެރިސްއަށް ހޯދުމަށް ފަސޭހަވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް އިސްރާއީލަށް ތާއީދު ކުރުމާއި ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ބޭއްވި މުޒާހަރާތަކާ ދެކޮޅުވުމާ ގުޅިގެން، ވައަތު ފިޔައިގެ ގިނަ ބަޔަކު ވަނީ ޝަޕީރޯއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ނޭވީގެ ކުރީގެ ޕައިލެޓް އަދި ނާސާގެ އެސްޓްރޮނޯޓެއް ކަމަށްވާ އެރިޒޯނާގެ ސެނެޓާ މާކް ކެލީ އަކީ އެމެރިކާގައި ބަޑި ގެންގުޅުން މަނާކުރުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ބައިޑަންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވެސް ކިޔުއްވާ ބޭފުޅަކަށްވާއިރު، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ، މިނިވަން އަދި ކުރީގެ ގޮތްތަކުގައި ހިފަހައްޓާ ކޮންޒަވޭޓިވް ބޭފުޅެކެވެ. ކެލީއާ ގުޅިއްޖެ ނަމަ ގިނަ ބައެއްގެ ވޯޓު ލިބޭނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު މިނިސޯޓާގެ ގަވަރުނަރަކަށް ވުމުގެ ކުރިން ކޮންގްރެސްގައި 12 އަހަރު ހޭދަކުރެއްވި ވޯލްޒްއަށް ބޮޑު ސަމާލުކަމެއް ލިބުނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަނިންމޭޓު ޖޭޑީ ވެންސަށް ޖޯކު ޖައްސަވައި ފާޑުވިދާޅުވާތީއެވެ.
ރަނިން މޭޓަކު ހޮވުމަށް ކުރާ އިންޓަވިއުގައި 200 ސުވާލަށް ޖަވާބު ދޭންޖެހެއެވެ.
ހެރިސްގެ ރަނިން މޭޓު މި މަހުގެ ހަތްވަނަ ދުވަހު އިއުލާނުކުރަން ވަނީ ހަމަޖެހިފައެވެ. ރަނިން މޭޓު އިއުލާނުކުރަން ޖެހެނީ މި މަހުގެ 19ވަނަ ދުވަހު ޝިކާގޯގައި ފަށާ ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގެ ކުރިންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހެރިސްއަށް ކަށަވަރު ވީ މިދިޔަ ހުކުރު ދުވަހުއެވެ.