ކީރިތި ގުރުއާން ހިތުދަސްކުރި ހަ ހާފިޒަކާއި 27 ވަނަ ގައުމީ ގުރުއާން މުބާރާތުން ވަނަ ވަނަ އަށް ދިޔަ ދަރިވަރުނަށް އިނާމާއި ހަދާނީ ލިއުން ދެއްވައިފި އެވެ.

މިއަދު އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގުރުއާން ހިތުދަސްކުރި ހަ ހާފިޒުނަށް ރައީސްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުންދޭ ތާޖް ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހުމާން އަދި ރާއްޖޭގެ ނައިބް ރައީސް މުހައްމަދު ވަހީދުއްދީން އެވެ.

މިއަދު ހާފިޒްކަމުގެ ސަނަދު ހޯދީ ސ. މީދޫ ބުލީމިންގް ސައީދު އިބްރާހިމް ދީދީ އާއި ހަމަ އެ ރަށު ރޯޝަނީގޭ އާމިނަތު ފަހުމީ އާއި ސ. ހިތަދޫ ރަންހަނދުވަރުގެ މުހައްމަދު ސާލިހް އަހުމަދާއި ޏ. ފުވައްމުލަކު އަންދާޒްގޭ ހައްވާ އަހުމަދު ދީދީގެ އިތުރުން ނ. މާފަރު ނިރު އައުފް އަބްދުއްސައްތާރާއި ދ. މީދޫ ފެހިގެ ސަލްވާ މުހައްމަދު ލަތީފެވެ. އަދި އެ ރަސްމިއްޔާތުގައި ވަނީ އެ ހާފިޒުނަށް ވަސިއްޔަތް ވެސް އަރުވައިފަ އެވެ.

ގައުމީ ގުރުއާން މުބާރާތުގެ ވަނަތަކަށް ބަލާ އިރު ބަލައިގެން ކިއުމުގެ ބައިން އެއް ވަނަ ހޯދާފައި ވަނީ ތ. ގުރައިދޫ ފާމްދޭރިގޭ އައިޝަތު ޝަމާއީލް ހުސައިންނެވެ. އަދި ނުބަލައި ކިއުމުގެ ގޮފިން އެއް ވަނަ ހޯދީ މ. ދޮންތަޑަފިގޭ އިސްމާއީލް އައިކް މުހައްމަދެވެ. އެ ދެ ކުދިނަށް ހެއާ ކެއާގެ ފަރާތުން ދިން 30،000ރ. އާއި ރައިސުލްޖުމްހޫރިއްޔާ ދެއްވި އިނަމާއި ކޯސްޓްލައިންގެ ފަރާތުން ދިން ފައިސާގެ އިނާމުގެ އިތުރުން ފިއުލް ސަޕްލައިގެ ފަރާތުން ދިން އިނާމާއި ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާގެ އިނާމާއި ގުރުއާނާ ބެހޭ މަރުކަޒުން ދިން އިނާމާއި ހަދާނީ ފިލާދެއްވީ ނައިބް ރައީސް ވަހީދުއްދީނެވެ.

އަދި 27 ވަނަ ގައުމީ ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން ދެ ވަނަ ހޯދީ މ. ޖޯޖިއާ ރަފްހާން އަހުމަދު ފަޔާސް އެވެ. އަދި އެބައިން ތިން ވަނަ ހޯދީ ހ. ތާސިސް މަރުޔަމް ނަފްހާ އެވެ. ނުބަލައި ކިޔެވުމުގެ ބައިން ދެ ވަނަ ސ. މީދޫ މަސާއުލްބަރުދު ހަސީން މުހައްމަދު އަބްދުލްކަރީމް ހޯދި އިރު މާކްސް އެއްވަރު ވުމުން އެބައިން ތިން ވަނަ ހޯދި ދެ ދަރިވަރުންނަކީ މ. ފިނިވާގެ އާލިފް އިބްރާހިމް ޝަރީފާއި ފަތްތަރު ނަންބަރު 2019 ރީމް އަހުމަދު އިބްރާހިމް އެވެ. ދެ ވަނަ އަށް ދިޔަ ދެ ދަރިވަރުނަށް ހެއާ ކެއާ އިން ދިން 20000ރ. އާއި ތިން ވަނަ އަށް ދިޔަ ކުދިނަށް ހެއާކެއާ އިން ދިން 10000ރ. އާއި ބީއެމްއެލްގެ ފަރާތުން ދިން އިނާމާއި ކޯސްޓުލައިނުގެ ފަރާތުން ދިން ފައިސާގެ އިނާމާއި ހެޔޮއެދޭ ފަރާތަކުން ދިން ފައިސާގެ އިނާމާއި ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ދިން އިނާމް އެ ކުދިނާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އަދި އެ ރަސްމިއްޔާތުގައި ވަނީ ގުރުއާނުގެ ރޮގުން ރާއްޖެ އަށް ރީތި ނަން ހޯދައިދީފައިވާތީ ރައީސްޖުމްހޫރިއްޔާދެއްވާ އިނާމާއި ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ދިން އިނާމް ދެ ދަރިވަރަކަށްދީފަ އެވެ. އެ އިނާމް ހާސިލްކުރި ދެ ދަރިވަރަކީ މިސްރުގައި 2010 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް ގުރުއާން މުބާރާތުން ދެ ވަނަ ހޯދައިފައިވާ އުމުރުން 13 އަހަރުގެ މ. ލަކީލާސްޓް ރިފްދާ މުހައްމަދު ރަޝީދާއި ހަމަ އެ މުބާރާތުން މިދިޔަ އަހަރު ތިން ވަނަ ހޯދި އުމުރުން 13 އަހަރު މ. ހެޕީކޯނާ މުހައްމަދު ޝަފްހާން ސުލައިމާނެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެ މުބާރާތުން ބަލައިގެން ކިއުމުގެ ގޮފިން ގަދަ ދިހަ ދަރިވަރުނަށާއި ނުބަލައިގެ ކިޔެވުމުގެ ގޮފިން ގަދަ ދިހައަކަށް ހޮވުނު 11 ދަރިވަރަކަށް ބީއެމްއެލްގެ ފަރާތުން ދިން އިނާމާއި ކޯސްޓުލައިންގެ ފަރާތުން ދިން ފައިސާ އިނާމާއި ސަން ފުރަންޓްގެ ފަރާތުން ދިން އިނާމާއި ހެއާކެއާގެ ފަރާތުން ދިން އިނަމާއި މިފްކޯގެ ފަރާތުން ދިން އިނާމްގެ އިތުރުން ހެޔޮއެދޭ ފަރާތަކުން ދިން ފައިސާގެ އިނާމާއި ގުރުއާނާ ބެހޭ މަރުކަޖުގެ ފަރާތުން ދިން އިނާމް ވެސް މިއަދު ދިނުން އޮތެވެ. އެ ދަރިވަރުނަށް އިނާމް ހަވާލުކޮށް ދެއްވީ ކުއްލިއްޔާގެ އަމީދުލް ފަހްރީ އަލްއުސްތާޒް އިބްރާހިމް ރަޝީދު މޫސާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރާއިސް ވަހީދުއްދީން ވިދާޅުވީ އެ މުބާރާތަކީ ވަރަށް ރަނގަޅު މުބާރާތެއް ކަމަށާއި އެ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދީނީކަންކަން އިންތިޒާމްކޮށް ބޭއްވުމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

"ސަރުކާރުން މިފަދަ ކަންކަމުގައި ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެންމެ ފުރިހަމަ ގޮތެއްގައި ދޭނަން. އަދި އިސްލާމިކް މިނިސްޓްރީ އަށް ބޭނުންވާ ބަޖެޓް ހޯދައިދިނުމަށް އަޅުގަނޑު އަމަލީ ގޮތަށް ވެސް މަސައްކަތް ކުރާނަން." ނައިބް ރައީސް ވިދާޅުވި އެވެ.

މިއަދު ނިމިގެން ދިޔަ ގައުމީ 27 ވަނަ ގުރުއާން މުބާރާތުގައި ސްކޫލްތަކުން 83 ދަރިވަރުނާއި ގުރުއާން ކުލާސްތަކުން 112 ދަރިވަރުން ބައިވެރިވި އެވެ.