14:10


ފުވައްމުލަކުގައި ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލުމުން ޒުވާނަކު މަރުވި މައްސަލާގައި، ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ މީހެއްގެ މައްޗަށް އުފުލައިފި އެވެ.


ފުވައްމުލަކުގައި މި އަހަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު ވަޅިން ހަމަލަދީ ޒަހަމްކޮށްލާފައި ވަނިކޮށް، ޖެހިގެން އައި ދުވަހު މަރުވި، އެ ރަށު މެނޯ އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ، ދައުލަތުން އުފުލާފައި ވަނީ، ފުވައްމުލަކު ކަރަންކާގޭ ހަސަން ފަރީދުގެ މައްޗަށެވެ.


ދައުލަތުގެ ދައުވާގައި ބުނަނީ ޝުހާދުގެ އަރިކައްޓަށް ހަސަން ފަރީދު ވަޅި ހެރީ ޝުހާދު ފާރުބުރިއެއްގެ މަތީގައި އިންދާ ކަމަށެވެ. ޝުހާދު މަރުވީ ހަސަން ފަރީދުގެ ކަނާތުގައި އޮތް ވަޅި ޝުހާދުގެ ކަނާތްފަރާތު އަރިކައްޓަށް ހަރާލުމުން ލިބުނު ޒަހަމުގައި ކަމަށެވެ.


ދައުލަތުން މި ދައުވާކުރުމުން ހަސަން ފަރީދު ޖިނާއީ ކޯޓަށް ހާޒިރުކޮށް ގާޒީ ވަނީ މިއަދު އޭނާއާ ސުވާލުކުރައްވާފަ އެވެ.


ކޯޓުގައި ފަރީދު ބުނީ ޝަރީއަތުގައި އޭނާ ވާހަކަ ދައްކާނީ ފުވައްމުލަކު ބަހުން ކަމަށެވެ. ރަށު ބަހުން އޭނާ ބުނީ އޭނާގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. ޝުހާދުގެ ގަޔަށް އޭނާ ވަޅިއަކުން ހަމަލާދިން ކަމަށް ބުނާ ގަޑީގައި އޭނާ ހުރީ އެ ދުވަހު އެހެން މީހަކަށް ބަޔަކު ހަމަލާދީގެން އުޅުނު ތަނެއްގައި ކަމަށާއި އެކަން ދަންނާނެ މީހުން އެބަތިބި ކަމަށެވެ.


އޭނާ އަކީ ވާތްތެރިއެއް ކަމަށާއި ކަނާތު އޮތް ކަމަށް ބުނާ ވަޅިއަކުން މީހެއްގެ ކަނާތު އަރިކައްޓަށް ހަމަލަދީ ހަރައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.


ހަސަން ފަރީދުގެ މައްޗަށް ހުށަހެޅި މި ދައުވާ ސާބިތު ކުރުމަށް  ދައުލަތުން މިއަދު ވަނީ ނުވަ ހެއްކަކު ހުށަޅާފަ އެވެ.