ދޮށީ އުމުރު މީހުން ހާސްވެ ކަންބޮޑުވުމުން އެކަން އަންގައިދޭ ހާއްސަ ޓެކްނޮލޮޖީއެއް އުފައްދައިފިއެވެ.

ގެމްގީ ކުންފުނިން ތައާރަފުކޮށްފައިވާ އައު ވައިފައި ސިސްޓަމަކުން ދުވަސްވީ މީހުން ހާސްވެ ކަންބޮޑުވާ ހާލަތްތައް ދެނެގަނެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ސިސްޓަމަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި ވައިފައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ސިސްޓަމެކެވެ.

މި ސިސްޓަމުން ދުވަސްވީ މީހަކު ހާސްވެ ޑިސްޓްރެސް ވެއްޖެ ނަމަ ވަގުތުން އެކަން ދެނެގަނެ، ޚާއްސަ އެޕެއް މެދުވެރިކޮށް އެމީހެއްގެ އާއިލާއަށާއި ބަލަހައްޓާ ފަރާތްތަކަށް އަންގައިދޭނެއެވެ. އަދި ދުވަހުން ދުވަހަށް އެމީހެއްގެ ހަރަކާތްތައް ދިރާސާކޮށް، ސިއްހީ ގޮތުން މުހިންމު މައުލޫމާތުތައް ވެސް ދޭނެއެވެ.

މި ސިސްޓަމުގައި ކެމެރާއެއް ނުވަތަ ހަށިގަނޑުގައި އަޅާ އެއްވެސް އެއްޗެއް ނުހިމެނެއެވެ. މީގެ ބަދަލުގައި ވައިފައި ސިގްނަލްތައް ބޭނުންކޮށްގެން ހާލަތްތައް ދެނެގަނެވެއެވެ.

މި ސިސްޓަމުން ވަރަށް ސައްހަކަމާއެކު ބަލިމީހާގެ ހާލަތްތައް ދެނެގަނެވޭ ކަމަށާއި، އޮޅުމަކުން އިންޒާރު ދޭ ހާލަތްތައް ވަރަށް މަދުކަމަށް ގެމްގީން ބުނެފައިވެއެވެ.

ގެމްގީން މި ޓެކްނޮލޮޖީ މާކެޓަށް ނެރުމަށް ވަނީ ކެމްޕޭނެއް ފަށައިފައެވެ. ވައިފައި ފޯލް ޑިޓެކްޝަން ކިޓް، ތިން ވައިފައި ހައެއް ރައުޓަރާއި އެޕްގެ ދެ އަހަރުގެ ހިލޭ ސަބްސްކްރިޕްޝަނާ އެކު މި ސިސްޓަމް ލިބޭނީ 320 ޑޮލަރަށެވެ.

ގެމްގީގެ ސީއީއޯ އަދި ކޯ ފައުންޑާ ޕޯލް ހެންޑްރިކްސް މި އައު ނިޒާމުގެ ފައިދާތަކަށް އަލިއަޅުވާލަމުން ބުނީ، މިއީ ދޮށީ އުމުރުގެ މީހުންގެ ދިރއުޅުން ރަނގަޅުކޮށްދޭނެ އުފެއްދުމެއް ކަމަށެވެ.

"އަޅުގަނޑުމެން ހަމައެކަނި ޕްރޮޑަކްޓެއް ނެރެނީކީ ނޫން. އަޅުގަނޑުމެން ފަށަނީ އޯގާތެރި، ޓެކް ސްމާޓް ދޮށީ އުމުރުގެ މީހުންގެ ބެލެހެއްޓުމުގެ އައު ޒަމާނެއް. އަޅުގަނޑުމެންގެ ޓެކްނޮލޮޖީން ހަމައެކަނި ރައްކާތެރިކަން ދިނުމުގެ ބަދަލުގައި، ބާރުވެރިކޮށް ގުޅުވައިދީ، ދޮށީ އުމުރުގެ މީހުންނާއި އެމީހުންގެ އާއިލާތަކުގެ ދިރިއުޅުން ރަނގަޅުކޮށްދޭ." އޭނާ ވިދާޅުވިއެވެ.

އެކުންފުނިން ބުނީ މި ސިސްޓަމް ރަނގަޅަށް މަސައްކަތްކުރުމަށް ގޭތެރޭގައި ވައިފައި ސިގްނަލް ރަނގަޅަށް ލިބެންޖެހޭނެ ކަމަށެވެ. އެހެންކަމުން މިކަމަށް އެންމެ ރަނގަޅީ ވައިފައި ހައެއް ރައުޓަރު މެދުވެރިކޮށް ވައިފައި ސިގުނަލްތައް ގޭތެރެއަށް ދޫކުރުން ކަމުގައި ވެސް އެކުންފުނިން އިލްތިމާސްކުރެއެވެ.