ރ. އަލިފުށީގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރަކު އެރަށު މީހެއްގެ އަނބެއް ގާތަށް ވަން ކަމަށް ތުހުމަތުވެ އެ ޑޮކްޓަރުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އަލިފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއްގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އިންޑިޔާގެ ޑޮކްޓަރު، އަލިފުށީ އަންހެންމީހާ ގާތަށް ވަނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ޑޮކްޓަރު އެ އަންހެންމީހާ ގާތަށް ވަން ކަަމަށް ތުހުމަތު ވެގެން ބަޔަކު ގޮސް ކޮޓަރީގެ ދޮރު ހުޅުވި އިރު ވެސް ޑޮކްޓަރު ކޮޓަރީގެ ތެރޭގައި ހުއްޓެވެ. ނަމަވެސް ދޮރު ހުޅުވި ވަގުތު އަންހެންމީހާ ކޮޓަރީގެ ތެރޭގައި ނެތް ކަމަށް ވެއެވެ.

އަލިފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޑޮކްޓަރާއި އަންހެން މީހާއާ ދެމެދު ގުޅުމެއް އޮންނަ ކަމަށް ކުރިންސުރެ ތުހުމަތުކޮށް ވާހަކަތައް ދެކެވޭ ކަމަށެވެ. ޑޮކްޓަރް އެ އަންހެން މީހާ ގާތަށް ވަނީ ނޫން ކަމަށާއި ތުހުމަތުވެފައި ވަނީ އަންހެންމީހާގެ އެދުމަށް އަލިފުށީ ފަޅުގެއެއްގެ ތެރޭގައި ދެމީހުން ބައްދަލު ކުރީ ކަމަށެވެ. ނަމަވެސް ބައެއް އެހެން މީހުން ބުނެފައި ވަނީ ތުހުމަތީ އަންހެން މީހާ ގާތަށް ޑޮކްޓަރު ވަން ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރޭ 10:00 ޖަހާކަންހާއިރު އެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތުތައް މިއަދު ސާފުވާ ގޮތެއް ނުވި އެވެ.

މިގެ ކުރިން ވެސް ރަށްރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުންނާބެހޭ މިފަދަ ވާހަކަތައް ފެންމަތިވެފައި ވެއެވެ. ނަމަވެސް މީހެއްގެ އަންބެއް ގާތަށް ބިދޭސީ ޑޮކްޓަރަކު ވަން ކަމަށް ތުހުމަތުވި މިއީ ފުރަތަމަ ފަހަރެވެ.