ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިކްރެޓިކް ޕާޓީ ( އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނީ ރައީސް ނަޝީދު އެމެރިކާ އަށް ކުރައްވާ މި ދަތުރުފުުޅުގައި އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ސެކްރެޓަރީ ރޮބަޓް ބްލޭކް އާއި އެ ގައުމުގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރުންނާއި މެދުއިރުމައްޗާއި އޭޝިއާ އަށް ކަނޑައަޅާފައިވާ އެ ކޮމިޓީގެ ސަބް ކޮމިޓީގެ މެމްބަރުންނާއި ގެއިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ މެމްބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް އެޕާޓީން ބުންޏެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީއަށް ރައީސް ނަޝީދުގެ ދަތުރުފުޅުގައި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނި ކަންތައްތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ސްޕޮންސާކޮށްގެން ސްކްރީން ކުރުމަށް ހަމަޖެހިފައިވާ، "ދަ އައިލެންޑް ޕްރެޒިޑެންޓް" ފިލްމު އެޅުވުމުގެ ހަފުލާގައި ބައިވެރިވަޑައިގެންނެވުން ހިމެނެ އެވެ.
އަދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ބާއްވާ ވަށްމޭޒު ޖަލްސާއަކާއި "ނެޝަނަލް އެންޑޯވްމެންޓް ފޯ ޑިމޮކްރަސީ"ގެ ނަމުގައި ވޮޝިންޓަންގައި އޮންނަ ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ ކަަމަށް އެ ޕާޓީން ބުންޏެވެ. އަދި ބުނީ ޔޫއެސް އިންސްޓްޓިއުޓް އެޮފް ޕީސްގައި ނަޝީދު ތަގުރީރުކުރައްވާނެ ކަަމަށެވެ.

ވޮޝިންޓަން ޑީސީގައި އޮންނަ ބައްދަލުވުންތަކަށް ފަހު ނަޝީދު އެމެރިކާ ބޮސްޓަންއަށާއި ނިއުޔޯކަށް ވަޑައިގެން މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ. އަދި އެ ދެރަށުގައި ވެސް އެމެރިކާގެ ސިޔާސީ ބައެއް އިސްފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ފިލްމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާ ބެހޭ ގޮތުން އެމެރިކާގެ ޑޮކިއުމެންޓްރީ ފިލްމް އުފައްދާ ކުންފުންޏަކުން އުފެއްދި ފިލްމެކެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނާ އެކު ބައިވެރިކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި އެމްޑީޕީގެ ޗެއަޕާސަން ނައިބު (އިދާރީ) އަލީ ޝިޔާމް އާއި ނަޝީދުގެ ޕޮލިސީ ސެކްރެޓަރީ އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާ އާމިނަތު ޝައުނާ އެވެ.

ރައީސް ނަޝީދު އެމެރިކާ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެވެ.