ބަންގްލަދޭޝްގައި މިވަގުތު ތައުލީމު ހާސިލްކުރަން ތިބި 119 ދިވެހިންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ބަންގްލަދޭޝްގެ ކޯޓާ ނިޒާމުގައި އޮންނަ ގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ލިބެން ޖެހޭނީ 1971 ވަނަ އަހަރު އެގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެގައުމުގައި ދާދިފަހުން ވަނީ ހަމަނުޖެހުންތައް ހިންގަން ފަށާފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ބަންގްލަދޭޝްގައި ތައުލީމު ހާސިލްކުރަނީ މިވަގުތު އެގައުމުގެގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި ހަތް ދަރިވަރުންގެ އިތުރުން ކޮމިލާގައި ހުރި ދަރިވަރެއް ކަމަށެވެ.

މި ދަރިވަރުންނަށް ހައިކޮމިޝަނުން ގަވައިދުން ގުޅާ ހާލު ބަލާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މިދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފަ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ކުރާތީ، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފިއެވެ.

މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައި ވާގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ބަންގްލަދޭޝްގެ މުޒާހަރާތަކުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތައް ހިނގައި 100އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

އެއަށްފަހު މިދިޔަ މަހުގެ 21ވަނަ ދުވަހު ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކޯޓާ ނިޒާމުގެ ދަށުން ވަޒީފާތަކުގެ 93 ޕަސެންޓް ދޭން ޖެހޭނީ ގާބިލުކަމަށް ބަލައިފައި ކަމަށް އަމުރުކޮށްފައެވެ. އަދި ގައުމަށްޓަކައި ހަނގުރާމަކުރި މީހުންގެ އާއިލާތަކަށް ޚާއްސަ ކުރާ މިންވަރު ވަނީ ފަސް ޕަސެންޓަށް ދަށްކޮށްފައެވެ.

މި މުޒާހަރާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފަތުރާތީކަމަށް ބުނެ އެކަން ހުއްޓުވުމަށް އެގައުމުގައި މިވަގުތު ވަނީ ފޭސްބުކާއި ޓިކްޓޮކް ހިމެނޭހެން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކެއް ވެސް ބޭނުންކުރުން މަނާކޮށްފައެވެ.