04 Aug 2024, 12:29
މާލެ އަތޮޅުގައި އޮތް ބޮޑު ދެ ތިލަ ކަމަށްވާ "ބޮޑުހިތި" ތިލައާއި "އޮއްކޮބޭ" ތިލަ ސަރަޙައްދު ހިމާޔަތްކޮށްފިއެވެ.
މި ދެ ތިލަ ހިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ދެ ތިލަ ހިމާޔަތްކޮށްފައި ވާކަމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
ގާނޫނުގެ ދަށުން މި ސަރަހައްދުތަކުގައި ހިމެނޭ ހުރިހާ ޒޯނެއްގައި ކުރުން މަނާ ކަންތައްތަކެއް ވެސް ހިމެނެއެވެ. އެގޮތުން:
ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިން ކުރުން.
- އެއްވެސް ބާވަތެއްގެ ކުނި އެޅުން.
- ބިން ހިއްކުމާއި ފަޅު ފުންކުރުން.
- ގައު، ވެލި، މުރަކަ އަދި އަކިރި ނެގުން.
- ނަގިލިލުން.
- އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާންސްޓްރަކްޗާ ގާއިމުކުރުން.
- އެއްވެސް ޕޮލިއުޓަންޓެއް ދޫކުރުން ނުވަތަ ބޭރުވާ ގޮތަށް އައުޓްފްލޯ ބެހެއްޓުން.
- އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުން.
- ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި މެރުމާއި ގޯނާކުރުމާއި ހިފުން.
- އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ ހާއްޔަށް ގެއްލުން ދިނުން.
- އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުން.
- މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް އެއްވެސް ދިރޭ އެއްޗަކަށް ކާން ދިނުން ނުވަތަ ކާން އެޅުން.
- ސަރަހައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން.
- ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން.
މީގެ އިތުރުން ރާއްޖޭގެ އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ކުދި މަސް މި ސަރަހައްދުތަކުން ހިފުން މަނާވާނެއެވެ. އޭގެ ތެރޭގައި އެކުއޭރިއަމްތަކާއި ޓޭންކްތަކުގައި ގެންގުޅޭ މަހާއި ފަރުމަހުގެ ހުރިހާ ބާވަތެއްގެ "ޖުވެނައިލް" މަސް ހިފުން މަނާވާނެއެވެ.
ހިމާޔަތްކޮށްފައިވާ މާލެ އަތޮޅުގެ ބޮޑުހިތި ތިލަ: އެންވަޔަރަމަންޓް މިނިސްޓްރީން މި ތިލަ ހިމާޔަތްކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ
އަދި ރޭގަނޑުގެ ވަގުތުތަކުގައި ދިއްލައިގެން މަސް ތިލަކުރުން ވެސް ގާނޫނުގެ ދަށުން މަނާވާނެއެވެ. އެހެންނަމަވެސް މަސްވެރިކަމުގެ ގާނޫނުގެ ދަށުން، މަސްވެރިކަމާއި އަތުނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް އުޅަނދަކުން ދިއްލައިގެން އެންވެރިކަން ކުރުން އިސްތިސްނާ ވާނެއެވެ.
ހަމައެއާއެކު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދައަކާއެކު ކުރުން ހުއްދަ ތިން ކަމެއް އޮވެއެވެ. އެއީ ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރާތްކުރުމާއި، ދިރާސާ ކުރުމުގެ އިތުރުން ރެސްޓޮރޭޝަން ނުވަތަ ރިހެބިލިޓޭޝަންގެ ބޭނުމަށް މަސައްކަތްކުރުމެވެ.
ބޮޑުހިތި ތިލަ
ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން ބޮޑުހިތި ތިލަ ސަރަޙައްދަކީ މާލެ އަތޮޅުގެ ހުޅަނގު ފާރާތުގައި ކ. ރަސްފަރީއާއި ކ. އުލާނީ ފަޅާ ދޭތެރޭ އޮންނަ ތިލައެކެވެ.
މިއީ ގިނަ އަދަދެއްގެ މުރަކައާއި ފަރުމަސް އަދި ކަނޑުމަސް ދިރިއުޅޭ ތަނެކެވެ. އަދި ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ، ނެތުމުގެ ބިރު ހީވެފައިވާ މާހުޅުނބުލަނޑާ، އެންމަޑި، ކަހަނބު، ވައްބޯ މިޔަރު، ކައްޓަފުޅި މިޔަރު އަދި ފީ މިޔަރު ފަދަ ދިރުންތައް އެ ތިލައިގައި އުޅެއެވެ.
ހަމައެއާއެކު މި ސަރަޙައްދަކީ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ އެންމަޑި ސާފުވުމަށް އެއްވެއުޅޭ ސަރަހައްދެއް ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. އަދި މި ތިލައަކީ މިހާރުވެސް އާއްމުގޮތެއްގައި ދިވެހިންނާއި ފަތުރުވެރިން ފީނުމަށް ބޭނުންކުރާ ތިލައެކެވެ.
އޮއްކޮބޭ ތިލަ
ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން އޮއްކޮބޭ ތިލަ ސަރަހައްދަކީ މާލެ އަތޮޅު އިރުމަތީ ފަރާތުގައި އޮންނަ ތިލައެކެވެ.
މި ސަރަޙައްދަކީ ގިނަ އަދަދެއްގެ ކުދި ހޮހަޅައާއި "އޯވާހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ އިންސައްތަ ބޮޑު ސަރަޙައްދެކެވެ. އެގޮތުން އެކި ބާވަތްތަކުގެ ފަރުމަސް، މުރަކަ، ގާ އަދި އެކި ކުލަ ކުލައިގެ "ސޮފްޓް ކޮރަލް" މި ސަރަހައްދުން ގިނަ އަދަދަކަށް ފެނެއެވެ. އަދި މި ސަރަހައްދުގައި ކޮށްފައިވާ ދިރާސާތަކުން 73 ބާވަތުގެ މަސް ދިރިއުޅޭކަމަށް ދައްކައެވެ. ހަމައެއާއެކު ނެތުމުގެ ބިރު ހީވެފައިވާ މާހުޅުނބުލަނޑާ، ކަހަނބު، ވައްބޯ މިޔަރު، އޮޅުފަތި މިޔަރު ފަދަ ދިރުންތައް އެ ތިލައިގައި ވެސް އުޅެއެވެ.
މި ތިލައަކީ ފީނާ މީހުންގެ މެދުގައި މަގުބޫލު ތިލައެކެވެ.