ރޯދަމަހަށް ގެންނަ މުދަލުގެ ތެރެއިން ބިހާއި އަލުއްވާއި ފިޔާ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނީގެ ޖެނެރަލް މެނޭޖާ ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް މިއަދު ވިދާޅުވީ ރޯދަ މަހަށް ގެންނަ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ ގެންނާނެ ކަމަށާއި ކުންފުނިން ބަލަނީ ރޯދަ ފެށުމުގެ ކުރިން ވެސް ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ ހިފަހައްޓަން ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިއާލައި އެ ބާވަތްތައް [ފިޔާ، އަލުވި، ބިސް] ގެނެސްގެން އެ ތަކެތީގައި އަގު ރޯދަމަސް އަންނަ އިރަށް ވެސް އެއްވަރެއްގައި ބަހައްޓަން، އޭރުން މުޅި ރޯދަމަހު ވެސް އެކީއެކަށް އެތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓޭނެ، އޭރުން ތަކެތީގެ އަގު ބޮޑެއް ނުވާނެ، އެގޮތުން ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ފަހެއްގައި އައިމަ އަޅުގަނޑުމެންނަށް އެއްދުވަސް ނަގާފައި އަށެއްހާ ތާނގައި ބާޒާރަށް ނެރެވޭނެ،" އާޒިމް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ގިނަ ބާވަތްތަކެއްގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ބަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.

އާޒިމް ވިދާޅުވީ އެގޮތުން މިފަހަރުވެސް ކުކިން އޮއިލް ތަރުކާރީ އަދިވެސް ރޯދަމަހު އާންމުކޮށް ބޭނުންވާ ކާބޯތަކެތި ހުސް ނުވާ މިންވަރަކަށް ގެންނާނެ ކަމަށާއި އެގޮތުން ރޯދަ މަހުގެ ކުރިންނާއި އަދި ރޯދަ މަސް ތެރޭގައި ވެސް އެބާވަތްތައް ގެންނާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ނިންމާފައި މި އޮތީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކުކިން އޮއިލް އަދި ވެސް [ރޯދަމަހަށް] ބޭނުންވާ އެހެން ބާވަތްތައް ވެސް ރާއްޖެ ގެންނަން، އެގޮތުން ހަމަ ރަނގަޅު ވަރަކަށް އަޅުގަނޑުމެން ގެނެސް އަގުތައް ހިފަހައްޓާނަން، އެގޮތުން މި ބަލަނީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ތަރުކާރީ ވެސް ގެންނަން، އެގޮތަށް ގެނެސްގެން މި ފަހަރުވެސް އަގުތައް ހަމަ އެއްވަރެއްގައި ހިފެހެއްޓޭނެ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ ފިޔާ ބިސް އަދި އަލުވީގެ އިތުރު ދެ ޝިޕްމަންޓެއް ރޯދައަށް ހާއްސަކޮށްގެން ގެންނާނެ ކަމަށާއި އެ ބާވަތްތައް ކޮންޓްރޯލެއް ނެތި ވިއްކަން ވިސްނަވާ ކަމަށް ވިދާޅުވި އެވެ.

"ތަންކޮޅެއް ރަނގަޅަށް ހަމަ ގިނައިން މި ގެންނަނީ މިފަހަރު، އެހެންވީމަ މި ބަލަނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކޮންޓްރޯލެއް ނެތި އެބާވަތްތައް ވިއްކޭނެ ކަމަށް، މިބަލަނީ، މިއަހަރު ވެސް ހަމަ ރަނގަޅު އަގު ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރޯދަ މަހަށް ގެންނަ މުދާ އެސްޓީއޯއިން ވިއްކާ އަގުގައި ވިއްކަން ބޭނުންވާ ރިޓެއިލް ފިހާރަތަކަށް އެ ފުރުސަތު ހުޅުވާލަން ވިސްނާ ކަމަށާއި އޭރުން އެސްޓީއޯޔަށް ވެސް ލުޔެއް ލިބި ކަސްޓަމަރުންނަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

"ވަރަށް އަވަހަށް އެކަމަށް ޝައުގުވެރިވާ ފިހާރަތައް ހޯދުމަށް އިއުލާން ކުރާނަން، އޭރުން ކަސްޓަމަރުންނަށް ވެސް ފަސޭހަވެގެންދާނެ، އަދި އެ ފިހާރަތަކަށް ވެސް ލިބޭ ކުރިއެރުމަކަށް ވާނީ،" ޝާހިދު ވިދާޅުވި އެވެ.