04 Aug 2024, 14:38
އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެމެރިކާއަށް ކުރި ޕްރީ ސީޒަން ޓުއާ ކާމިޔާބީއަކުން ނިންމާލައިފިއެވެ.
އެމެރިކާ ޓުއާގެ އެންމެ ފަހު މެޗު، ޗެލްސީ އާ ބައްދަލުކޮށް ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
އޮހައިއޯގެ ކޮލަމްބަސްގައި ހުންނަ އޮހައިއޯ ސްޓޭޑިއަމްގައި 71،280 ކުޅިބެލުންތެރިން ކުރިމަތީ ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ޗެލްސީއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ސިޓީގެއެވެ. މިގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ޗެލްސީގެ ލެވީ ކޯލްވެލް ސިޓީގެ ކެޕްޓަން ކަން ކުރަމުންދިޔަ އާލިން ހާލަންޑަށް ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އަދި މި ލަނޑު ޖެހިތާ މިނެޓެއްގެ ތެރޭގައި އަނެއްކާވެސް ޗެލްސީގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ހާލަންޑް ސިޓީގެ ލީޑު ފުޅާކޮށްދިނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަ ކަން ފާހަގަ ކޮށްލެވުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާ އޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި އަނެއްކާވެސް ފެނިގެންދިޔައީ ވަރަށް ގާތް ގާތުގައި ސިޓީއިން ދެ ލަނޑު ޖަހައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރި ތަނެވެ. މިގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އޮސްކާ ބޮބް ސިޓީގެ ތިން ވަނަ ލަނޑު ޖަހައިދިނެވެ. އަދި މި ލަނޑު ޖެހިތާ މިނެޓެއްގެ ތެރޭގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައިދީ މި މެޗުގައި ހާލަންޑް ވަނީ ހެޓްރިކެއް ހަދައިފައެވެ.
މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ރަހީމް ސްޓާލިންއެވެ. އަދި ފަހު ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ނޯނީ މަޑުއެކާއެވެ. މި މެޗުގައި ސިޓީގެ ކީޕާ ސްޓެފަން އޯޓޭގާ މޮރޭނޯ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއު ކޮށްފައިވާއިރު ސިޓީގެ ޖޭމްސް މެކްއަޓީ ފޮނުވާލި ހަމަލާއެއް ވަނީ ޗެލްސީގެ ގޯލަށް އަމާޒުވެފައެވެ.
މި މެޗުގައި އިތުރު ލަނޑުތަކެއް ފެނުމުގެ ފުރުސަތު އޮތް ނަމަވެސް މެޗު ނިމިގެންދިޔައީ ހަތަރު ލަނޑު ދެ ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ. މި ކާމިޔާބީއާއެކު ސިޓީއިން އެމެރިކާއަށް ކުރި ޕްރީ ސީޒަން ޓުއާ މި ވަނީ ނިންމާލައިފައެވެ. ސިޓީ ދެން ކުޅޭ މެޗުގައި މި އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ނިކުންނާނީ ކޮމިއުނިޓީ ޝީލްޑް މެޗަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.