03 Aug 2024, 23:13
މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ގާތްގަނޑަކަށް 50،000 ބިދޭސީން މި ފަސް އަހަރުތެރޭ ޑީޕޯޓުކުރުންކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަނީ ފަސް އަހަރަށް ކަނޑައަޅާފައިވާ ޓާގެޓުގެ ދަށުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކަށް އެބަ އޮވޭ، ކްލޯޒް ޓު 50،000 އަށް [ގަވާއިދާ ޚިލާފަށް އުޅޭ] މީހުން ބޭރުކުރުމުގެ. އެހެންވީމާ އެ އަދަދަށް ރީޗްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެބަހުރި. އެ މަަަސައްކަތް އަސްލު މި ކުރިޔަށް ދަނީ" ޝަމްއާން ވިދާޅުވިއެވެ.

އިންޑިއާގެ ޖޭއެމްސީ މުވައްޒަފުން މަސައްކަތު ސައިޓުގައި އިހްތިޖާޖުކުރަނީ -- ސަން ފޮޓޯ/ ނާއިލް ހަފީޒް
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޝަމްއާން ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ މިހާ ބޮޑަށް ގޯސްވެފައިވަނީ މިދިޔަ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުންނެވެ.
އެގޮތުން، ޝަމްއާން ވިދާޅުވީ ކުރީ ސަރުކާރުން ގަވާއިދާ ޚިލާފަށް އުޅުނު އެއްވެސް ބިދޭސީއަކު ޑީޕޯޓު ކޮށްފައިނުވާ ކަމަށާއި، ބިދޭސީންގެ މައްސަލަ މިހާ ގޯސްވެގެން ދިޔައީ އެ ސަރުކާރުގެ "އެންފޯސްމަންޓް" ދަށްވުމުން ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ޝަމްއާން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ދަށުން އިސްކަންދެނީ ތިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި ކުރިއަށް ގެންދާ "ކުރަނގި" އޮޕަރޭޝަނާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ އިތުރުން ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމެވެ.
މި މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން ދަނީ ފުލުހުންނާ ގުޅިގެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މާލެ ސަރަހައްދުގައި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ޝަމްއާން ވިދާޅުވީ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރު ކުރާ ބިދޭސީ މީހާއަށް އަލުން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަންތަކުގައި މިހާތަނަށް 200އަށްވުރެ ގިނަ ތަންތަން ވަނީ ބަލާފާސްކޮށްފައެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ސްޕާތައް ވެސް ހިމެނެއެވެ.
ޝަމްއާން ވިދާޅުވީ މި އޮޕަރޭޝަންތައް ފެށިފަހުން ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ބައެއް ވިޔަފާރިތައް އެ ބިދޭސީން އަމިއްލައަށް ވެސް ބަންދުކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތައް އަދިވެސް ބޭނުންވާ ސްޕީޑުގައި ކުރިޔަށް ނުގެންދެވޭ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
އޭނާވަނީ މި މަސައްކަތް ހުއްޓައިނުލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދީ، މި މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.