ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ޓެނިހުގެ އަންހެން ސިންގަލްސް އިވެންޓުން ޗައިނާގެ ޒެން ގިންވެން ރަން މެޑަލް ހާސިލްކޮށްފިއެވެ.

އަންހެން ސިންގަލްސް އިވެންޓުން ޒެން ރަން މެޑަލް ހާސިލްކޮށްފައިވަނީ ފައިނަލްގައި ކްރޮއޭޝިއާގެ ޑޮނާ ވެކިޗްއާ ބައްދަލުކޮށް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ދެެސެޓުން މެޗުން ކާމިޔާބު ކޮށްގެންނެވެ.

ރޯލަން ގެރޯސްގެ ކޯޓު ފިލީޕޭ ޗެޓްރިއާގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު ޒެން ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ. މިސެޓުގެ ފުރަތަމަ ތިން ގޭމުވެސް ކާމިޔާބު ކޮށްފައިވަނީ ޒެންއެވެ. ދެވަނަ ސެޓުގައި ވެކިޗް އޭނާގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ޒެން މި ސެޓުވެސް ކާމިޔާބު ކޮށްފައިވަނީ މާބޮޑު އުނދަގުލަކާ ނުލާ ހައެއް ތިނަކުންނެވެ.

ޒެން އަންނަނީ މިސީޒަންގެ މުބާރާތް ތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތުގެ ފައިނަލްގައި އޭނާ ވަނީ އެއްކޮޅުން ވާދަކޮށްފައެވެ.

ޓެނިހުގެ ފިރިހެން ޑަބަލްސް އިވެންޓަށް ބަލާއިރު އޮސްޓްރޭލިއާގެ މެތިއު އެބްޑެން އާއި ޖޯން ޕިއާސްވަނީ މިބައިގެ ރަން މެޑަލް ހާސިލްކޮށްފައެވެ. މިދެ ކުޅުންތެރިން ރަން މެޑަލް ހާސިލްކޮށްފައި ވަނީ ފައިނަލްގައި އެމެރިކާގެ އޮސްޓިން ކްރައިޗެކް އާއި ރަޖީވް ރާމްއާ ބައްދަލުކުރި މެޗު ފަހަތުން އަރާ ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހައެއް އަށަކުން ކާމިޔާބު ކޮށްފައިވަނީ އެމެރިކާގެ ދެ ކުޅުންތެރިންނެވެ.

ނަމަވެސް ޖެހިގެން އައި ސެޓު އެބްޑެން އާއި ޕިއާސްވަނީ އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް ހަތެއް އެކަކުން ކާމިޔާބު ކޮށް މިމެޗު ފަސްޓް ޓު ޓެން މެޗް ޓައި ބްރޭކަކަށް ގެންގޮސްފައެވެ. މިގޮތުން މިޓައި ބްރޭކް ދިހައެއް އަށަކުން ކާމިޔާބު ކޮށް ރަން މެޑަލް ކާމިޔާބު ކޮށްފައިވަނީ އޮސްޓްރޭލިއާގެ ދެ ކުޅުންތެރިންނެވެ.

މިއީ 1996 ވަނަ އަހަރު އެމެރިކާގެ އެޓްލާންޓާގައި ބޭއްވި އޮލިމްޕިކް މުބާރާތުގައި ފިރިހެން ޑަބަލްސް ބައިގެ ރަން މެޑަލް އޮސްޓްރޭލިއާގެ ޓޮޑް ވުޑްބްރިޖް އާއި މާކް ވުޑްފޯޑޭ ކާމިޔާބު ކުރި ފަހުން މިބައިން އޮސްޓްރޭލިއާއަށް ރަން މެޑަލް ހާސިލް ކުރެވުނު ފުރަތަމަ ފަހަރެވެ.