03 Aug 2024, 23:27
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކާއި އިންގްލިޝް ޕްރިމިއާ ލިގުގެ ޓޮޓްނަމް ހޮޓްސްޕާގެ މެދުގައި ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ބަޔާން އިން ކާމިޔާބު ކޮށްފިއެވެ.
ދެކުނު ކޮރެއާއަށް ޕްރީ ސީޒަން ޓުއާ ކުރަމުންދާ މިދެޓީމު ބައްދަލުކުރި މެޗު ބަޔާން އިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގެ ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބަލާލުމަށް 67 ހާސް މީހުން ވަދެފައިވެއެވެ. މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާން އިންނެވެ.
މިމެޗުގައި ސްޕާސްގެ ކެޕްޓަން ސޮން ހެއުން މިން އާއި ޖޭމްސް މެޑިސަން އަދި އާސީޒަނަށް ސޮއިކޮށްފައިވާ އާޗީ ގްރޭ އާއި ލޫކަސް ބާގްވާލް ކުޅުނު ނަމަވެސް ބަޔާން ފެނިގެންދިޔައީ މިމެޗުގައި ސްޕާސްއަށްވުރެ ވަރުގަދަ ކޮށެވެ. އަދި މިމެޗުގައި ބަޔާންގެ މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ ހެރީ ކޭން އާއި ލިރޯއީ ސާނޭ ބައިވެރިވެފައެއް ނުވެއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ބަޔާން އިން ކާމިޔާބު ކޮށްފައިވަނީ ސްޕާސްގެ ކީޕާ ގުގްލިއޭލްމޯ ވިކާރިއޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގެބްރިއެލް ވިޑޮވިޗްއެވެ. އަދި މިމެޗުގައި ބަޔާންއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 56ވަނަ މިނެޓުގައި ޖަހާ އެޓީމުގެ ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ލެއޮން ގޮރެޓްޒްކާއެވެ.
މިމެޗުގައި ސްޕާސްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރޯ ޕޯރޯއެވެ. މިލަނޑާއެކު މިމެޗުގައި ސްޕާސްއިން އެއްވަރު ކޮށްފާނެ ކަމަށް ހީވި ނަމަވެސް އެޓީމަށް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިދެޓީމު ވަނީ މިމަހުގެ 10 ވަނަ ދުވަހު ސްޕާސްގެ ދަނޑުގައި އަނެއްކާވެސް ބައްދަލުކުރާ ގޮތަށް ހަމަޖެހިފައެވެ. ސްޕާސްގެ އިތުރުން ޖަޕާނަށް ޕްރީ ސީޒަން ޓުއާ ކުރަމުންދާ ނިއުކާސްލް ޔުނައިޓެޑް ވަނީ ޔޮކޮހާމާ އެފް މެރިނޯސްއާ ބައްދަލުކުރި މެޗުން ދެ ލަނޑު ސުން ލަނޑުން ބަލިވެފައެވެ. މިއީ އެޓީމު ޖަޕާނަށް ކުރި ޓުއާގެ ދަށުން ކުޅުނު ފަހު މެޗެވެ.