ގްރީސް އަތުން 4-2 ލަނޑުން މޮޅުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖަރުމަން ވެސް ޖާގަ ހޯދައިފި އެވެ.

ގްރީސްއާ ދެކޮޅަށް ޖަރުމަން ރޭ ރާއްޖެގަޑިން 11:45 ގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޖަރުމަނުންނެވެ. އެ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގެ ތެރޭގައި ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ފިލިޕް ލާމް އެވެ.

އެއް ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ޖަރުމަނުން ނިންމާލިއިރު، ފުރަތަމަ ހާފުގައި ޖަރުމަނަށް ލީޑް ފުޅާ ކުރާނެ ގިނަ ފުރުސަތަކެއް ލިބިގެން ދިޔަކަން ވެސް ފާހަގަ ކުރެވުނެވެ.

އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ގްރީސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-1 ލަނޑަށް ބަދަލުކޮށްފަ އެވެ. ގްރީސް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖިއޯޖިސް ސަމާރަސް އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު ގްރީސްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 ލަނޑަށް އެއްވަރު ކުރިނަމަވެސް، އޭގެ ހަ މިނެޓު ފަހުން ޖަރުމަނުން ވަނީ ލަނޑެއް ޖަހާ އަލުން މެޗުގެ ލީޑް ނަގާފަ އެވެ. އެލަނޑު ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ސާމީ ކެދީރާ އެވެ. ރޭގެ މެޗުގައި ޖަރުމަންގެ ތިން ވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި މިރޮސްލާވް ކްލޯސާ ކާމިޔާބު ކޮށްދިން އިރު، ގްރީސް ކޮޅަށް ޖަރުމަނުން ޖެހި އެޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޯ ރެއުސް އެވެ.

ރޭގެ މެޗުގައި ޖަރުމަން ކޮޅަށް ގްރީސް އިން ޖެހި ދެ ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާާޑް ސަލްޕިންގިޑިސް އެވެ.

މުބާރާތުގައި މިހާތަނަށް ޖަރުމަން ކުޅުނު އެއް ވެސް މެޗަކުން ބަލިނުވެ، ސެމީ ފައިނަލުން ޖާގައެއް ހޯދާފައިވާ އިރު، ސެމީގައި ޖަރުމަނާ ދެކޮޅަށް ނިކުންނާނެ ޓީމެއް ކަށަވަރު ވާނީ މާދަމާ ރޭ ރާއްޖެ ގަޑިން 11:45ގައި އިންގްލެންޑާ ދެކޮޅަށް އިޓަލީ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގައި މިރޭ ކުޅޭ ކުއާޓާފައިނަލްގެ ތިން ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ފަރަންސޭސިވިލާތެވެ. ރާއްޖެ ގަޑިން މިރޭ 11:45ގައި ކުޅޭ މެޗުން މޮޅުވާޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޗެކްރިޕަބްލިކް އަތުން 1-0 ލަނޑުން މޮޅުވެ، ސެމީފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވާ ފޯޗިގަލްއާ ދެކޮޅަށެވެ.