03 Aug 2024, 14:42
ސްޓެލްކޯގެ ކަސްޓަމަރުން ބޭނުންވާ ނަމަ، ކަރަންޓުގެ ރީޑިން ނަގާ ދުވަހު ބިލު ހަދައި ފޮނުވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ ބިލުގެ ރީޑިން ނަގާ ދުވަހާއި ޑެލިވަރީ ކުރާ ދުވަހުގެ ތަފާތު ވަރަށް ބޮޑު ކަމަށެެވެ. އެގޮތުން އެ ދެމެދުގައި 25 ދުވަހާއި 30 ދުވަހުގެ ތަފާތެއް އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ރިއަލްޓައިމް ބިލިންއަކަށް ދާންވެސް. މާނައަކީ ރީޑިން ނަގާ ދުވަހު ވަގުތުން ވަގުތަށް ބިލް ޑެލިވާ ކުރެވޭނެ މެކޭނިޒަމެއް،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯގައި އެ މައްސަލަ އުޅޭތާ 15 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ.

ސްޓެލްކޯއިން މިއަދި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނިން ރީޑިން ނަގާތާ ގިނަ ދުވަސް ނުވެ، ބިލް ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ބުނި --- ސަން ފޮޓޯ/ މޫސާ ނަދީމް
"އެއްދުވަސް ދެދުވަސް ލަސްވަމުން ލަސްވަމުން ގޮސް މިހާރު އެބައުޅޭ އެއްމަސް ދުވަސް ފަހުން އަޅުގަނޑުމެންނަށް ބިލު ޑެލިވާ މި ކުރެވެނީ،" ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ބަދަލެއް ގެންނާނީ އެ ކުންފުނިން ގެތަކަށް ޒިޔާރަތްކޮށް، ކަސްޓަމަރުންނާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރީޑިން ނަގާ މުއައްޒަފު އެތަނެއްގައި ހުއްޓާ ބިލު ޑެލިވާ ކޮށްދެވެން އެބަހުރި ކަމަށާއި އެ ގޮތަށް ބިލް ހަދަން ބޭނުންވާ ކަސްޓަމަރުން ތިބި ނަމަ އެ ގޮތަށް ހުޅުވާލަން ސްޓެލްކޯއިން ބޭނުންވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށެވެ.