03 Aug 2024, 23:46
އިންގްލިޝް ޕްރިމިއާ ލީގުގެ ފުލަމް އިން އާސެނަލްއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ އެމީލް ސްމިތު ރޯ، އެ ކްލަބްގެ ރިކޯޑު އަގަކަށް ގެންގޮސްފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ފުލަމްއިން ސްމިތު ރޯ ގެންގޮސްފައިވަނީ 27 މިލިއަން ޕައުންޑަށެވެ. ނަމަވެސް މިވިޔަފާރީގެ އަގު 34 މިލިއަން ޕައުންޑަށް އަރާފާނެކަމުގެ ވާހަކަ ވެސް ވަނީ ފެތުރިފައެވެ.
އުމުރުން 24 އަހަރުގެ ސްމިތު ރޯ އާސެނަލާ ގުޅިފައިވަނީ އުމުރުން 10 އަހަރުގައެވެ. އަދި އޭނާ އާސެނަލްގެ ސީނިއާ ޓީމަށް ކުޅެން ފަށާފައިވަނީ އުމުރުން 18 އަހަރުގައެވެ. މިހާތަނަށް އޭނާވަނީ އާސެނަލްއަށް 80 މެޗު ކުޅެދީ 12 ލަނޑު ޖަހައިފައެވެ.
ސްމިތު ރޯ ހޯދުމަށް ފުލަމްއިން މަސައްކަތް ކުރާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ. ނަމަވެސް ދެ ކްލަބްގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވި މިކަން ދިގުލައިގެން ދިޔައީއެވެ. މިގޮތުން ސްމިތު ރޯ ވަނީ އާސެނަލްގެ ޕްރީ ސީޒަން ޓުއާގައި ވެސް ބައިވެރި ނުކޮށް ބަހައްޓާފައެވެ.
ފުލަމްއަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ސްމިތު ރޯ ބުނީ އެންމެ ފަހުން އޭނާއަށް ފުލަމްއާއި ގުޅެވިއްޖެ ކަމަށާއި އޭނާ އާއި އާއިލާއިން ވެސް ތިބީ އުފަލުންކަމަށެވެ. އަދި ބޭނުންވަނީ ވިހާވެސް އަވަހަށް ޓީމާއި އާ ކުޅުންތެރިންނާ އެކު އާ ސީޒަނަށް މަސައްކަތް ފަށަން ކަމަށެވެ.
އޭނާ ހާމަކުރިގޮތުގައި ފުލަމްގެ ކޯޗު މާކޯ ސިލްވާ އާއި ޓީމުން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ވާހަކަ އަޑުއެހުމަށްފަހު މިޓީމުގައި ވަރަށް ރަނގަޅު ޕްރޮޖެކްޓެއް އެކުލަވާލާފައިވާކަން ހާމަވެގެންދިޔައެވެ.
ފުލަމްއިން ވަނީ ސުމިތު ރޯގެ އިތުރުން ރަޔަން ސޭސެގްނޯން ވެސް އެޓީމަށް ގެންގޮސްފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްކޮޓް މެކްޓޮމިނޭ ގެންދިއުމަށް ވެސް އެކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.