ސަރުކާރުން އިޢުލާނުކޮށްފައިވާ މަދަނީ ތަޢުލީމުގެ ޤައުމީ ކެމްޕޭންގެ ދަށުން ހޯމް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަމާންވެށި ޕްރޮގްރާމް އދ. މަހިބަދޫގައި އިފްތިތާހު ކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އަމާންވެށި އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއި މާރާމާރީ އާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކުން ޒުވާންޖީލު ރައްކާތެރި ކުރުމާއި ގެވެށި އަނިޔާ ހުއްޓުވުމާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުން އެކުދިން ސަލާމަތް ކުރުމުގައި ބެލެނިވެރިންގެ ދައުރާ ބެހޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތުދީފަ އެވެ.

އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުން ސަލާމަތް ވުމުގައި ޢަމަލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނާއި ގެވެށި އަނިޔާ އިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ މަޢުލޫމާތު އަންހެން ދަރިވަރުންނަށް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އޭގެ އިތުރުން ސާނަވީ ގުރޭޑްތަކުގެ ފިރިހެން ދަރިވަރުންނަށް މަޢުލޫމާތު ދީފައި ވަނީ ބުލީ ކުރުމުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުންނާއި ޢާއްމު އިތުޖިމާޢީ މިންގަނޑުތަކާއި ޚިލާފުވުމުގެ ޤާނޫނުގެ މުހިއްމުކަމާ ގުޅޭ ގޮތުންނާއި އަޚްލާޤީ ކަންކަމަށް ރައްކާތެރިވެ ފުރިހަމަ އަޚްލާޤެއްގެ މަތީގައި ދެމިތިބުމުގެ މުހިއްމު ކަމާބެހޭ ގޮތުން ކަމަށެވެ.

އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް އެ ރަސްމިއްޔާތުގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާނަވީ ގުރޭޑްތަކުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާއި މަރުކަޒުގެ މުދައްރިސުންގެ އިތުރުން އދ. އަތޮޅު ކައުންސިލާއި މަހިބަދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި ހޯމް މިނިސްޓްރީގެ ބޭފުޅުންނާއި ފުލުހުންގެ އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ.