މި އަހަރުގެ މެއި މަހުގެ ނިޔަލަށް ޖްވެނައިލް ކޯޓަށް ހުށަހެޅި މަރުގެ މައްސަލަތަކާއި ބަދުއަހުލާގީ އަމަލު ހިނގުމުގެ މައްސަލަތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުށަހެޅި މައްސަލަތަކަށް ވުރެ އިތުރުވެއްޖެ އެވެ.

ޖްވެނައިލް ކޯޓްގެ ތަފާސްހިސާބުތައް ބުނަނީ މިދިޔަ މޭ މަހުގެ ނިޔަލަށް މަރުގެ ދެ މައްސަލައެއް އެ ކޯޓަށް ހުށަހެޅިއިރު މިދިޔަ އަހަރުގެ މޭމަހުގެ ތެރޭ މަރުގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ބަދުއަހުލާގީ އަމަލު ހިންގުމުގެ ހަތަރު މައްސަލައެއް މިދިޔަ އަހަރު އެ ކޯޓުން ނިންމި ނަމަވެސް އެ އަހަރުގެ މޭ މަހާއި ހަމަޔަށް އެފަދަ މައްސަލައެއް ހުށަނާޅާ ކަމަށެވެ.

ޖުވެނައިލް ކޯޓުން ބުނީ މިދިޔަ އަހަރު ބަދުއަޚުލާގީ ހަތަރު މައްސަލައެއް އެ ކޯޓުން ނިމިފައިވާއިރު މިއަހަރުގެ މޭ މަހާ ހަމައަށް އެބާވަތުގެ ތިން މައްސަލަ ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ތޫނު އެއްޗެހި ގެންގުޅުމުގެ ހަތަރު މައްސަލައެއް މިއަހަރުގެ މޭ މަހު ހުށަހެޅި އޭގެ ތެރެއިން ތިން މައްސަލައެއް ނިމިފައިވާއިރު މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް ގްރޫޕް މާރާމާރީ އާއި ޣައިރު ގާނޫނީ އެއްވުމުގެ ފަސް މައްސަލައެއް ޖްވެނައިލް ކޯޓަށް ހުށަހެޅުނެވެ. ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޣައިރު ގާނޫނީ އެއްވުމުމާ ގުޅޭގޮތުން ހުށަހެޅިފައިވަނީ އެންމެ މައްސަލައެކެވެ.

ޖްވެނައިލް ކޯޓުން ބުނީ މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ކޯޓަށް ޖުމްލަ 54 މައްސަލަ ހުށަހެޅިއިރު ނިމިފައި ވަނީ 47 މައްސަލަ ކަމަށާއި ތަހުގީގު ބަންދަށް 355 މައްސަލަ ހުށަހެޅިފައިވާއިރު މިއަހަރުގެ މެއި މަހުގެ ނިޔަލަށް ތަހުގީގު ބަންދާއި ބެހޭ 343 މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އަދަދަށް ބަލާއިރު، 2010 ވަނަ އަހަރު ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި، މިދިޔަ އަހަރު ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ހަ އަންހެން ކުއްޖަކާއި 46 ފިރިހެން ކުދިން ކޯޓަށް ހުށަހެޅިފައިވާ އެކި މައްސަލަތަކުގައި ހިމެނެ އެވެ. ހަތަރު އަންހެން ކުއްޖަކާއި 39 ފިރިހެން ކުދިންގެ މައްސަލަ ވަނީ ނިމިފަ އެވެ.

އަދި މިދިޔަ އަހަރު ނުނިމިހުރި މައްސަލަތަކާއި މި އަހަރު ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިއަހަރު، އަށް އަންހެން ކުއްޖަކާއި 20 ފިރިހެން ކުދިން ކޯޓަށް ހުށަހެޅިފައިވާ އެކި މައްސަލަތަކުގައި ހިމެނިފައިވާއިރު، 12 އަންހެން ކުދިންނާއި 27 ފިރިހެން ކުދިންގެ މައްސަލަ ވަނީ ނިމިފަ އެވެ.