ތެހެރާން (2 އޮގަސްޓް 2024) : އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުވީ އޭނާ ހުންނެވި ގެސްޓް ހައުސްގައި ބޮމެއް ގޮއްވާލައިގެން ނޫން ކަމަށާއި ހަނިއްޔާ ޝަހީދުވެފައި ވަނީ އެ އިމާރާތަށް އަމާޒުވި ރޮކެޓް ޝެލްއަކުން ކަމަށް އީރާނުގެ ފާރިސް ނޫސް އެޖެންސީން ބުނެފިއެވެ.

ހަނިއްޔާ އަވަހާރަކޮށްލި ޖަރީމާގެ ތަހްގީގްތަކުގައި ބައިވެރިވާ ފަރާތަކާ ހަވާލާދީ ފާރިސް ނޫސް އެޖެންސީ ބުނާގޮތުން ހަނިއްޔާ އުޅުއްވި ފަންގިފިލާއަށް ރޮކެޓް ޝެލްއެއް އެރިކަން ކަށަވަރުވަނީ އޭގެ ބައިތައް އެތަނުން ފެނިފައިވާތީއެވެ.

ތަހްގީގުތަކުން މިހާތަނަށް އެނގިފައިވާގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމަށް ރާވައި އެކަން ތަންފީޒުކޮށްފައިވަނީ ޒަޔަނިސްޓް އިސްރާއީލުންނެވެ. އަދި ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލުކަން ވަނީ ކަށަވަރުވެފައެވެ. ހަނިއްޔާ އުޅުއްވި ފަންގިފިލާއަށް އެރި ރޮކެޓް ޝެލްއަކީ އިސްރާއީލުގައި އުފައްދާ ބާވަތުގެ ރޮކެޓް ޝެލްއެއްކަން ވެސް ވަނީ ތަހުގީގުތަކަށް ހާމަވެފައެވެ.

ނަމަވެސް ރޮކެޓް ޝެލް އައީ ޑްރޯނަކުންކަން ނޫނީ އެ ނޫންގޮތަކުންކަން ތަހުގީގުތަކުން އަދި ސާފުނުވާކަމަށާއި އަދި ހަމަލާއައީ އީރާނުގެ އެތެރޭގެ ކުރުދީ ސަރަހައްދު ފަދަ ސަރަހައްދަކުންކަން ނޫނީ އީރާނުގެ އަވަށްޓެރި އަޒަރުބައިޖާނުން ނޫނީ ގަލްފުގެ ކަނޑުގެ ސަރަަހައްދުންކަން ވެސް އަދިވަނީ ނޭންގުމެއްގެ ތެރޭގައި ކަމަށް ފާރިސް ނޫސް އެޖެންސީ ބުނެއެވެ.

އީރާނުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ހަމަލާއެރީ އީރާނުގެ ޖާސޫސީ ފެއިލިއާ އެއްކަމަށް ސިފަކޮށްފައެވެ. ހަނިއްޔާ ޝަހީދުވީ އޭނާ ހުންނެވި ގެސްޓްހައުސްއަށް މީގެދެމަސް ކުރިން ބޮމެއް ވައްދާފައިވާ ބޭއްވުމަށްފަހު އެބޮން ގޮއްވާލައިގެން ކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސް އާއި އެމެރިކާގެ ނިއުސް ވެބްސައިޓެއް ކަމަށްވާ "އެކްސިއޮސް" އިން ވަނީ ބުނެފައެވެ.

ހަނިއްޔާ އަވަހާރަކޮށްލީ އިސްރާއީލުންކަން އެމެރިކާ ވަނީ ރަސްމީ ސިފައެއްގައި ހާމަކޮށްފައެވެ. ނަމަވެސް މިޖަރީމާ ހިންގުމަށްފަހު މިކަމަށް އެއްބަސްވެ އިއުތިރާފުވާން އިސްރާއީލު ވަނީ ފަސްޖެހި ޖެހިލުންވެފައެވެ.

އީރާނުން ވަނީ އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި އީރާނަށް ހަމަލާދީފައި އިސްރާއީލަށް ސަލާމަތުން ނޯވެވޭނެކަމަށް ބުނެފައެވެ. އިސްރާއީލުން ފަލަސްތީނުގެ ކޮމާންޑަރުންނާއި ލީޑަރުން ޝަހީދުކޮށްލުމަށް ދެހާސް ފައްސަތޭކައަށް ވުރެ ގިނަ ޓެރަރިސްޓް ޙަމަލާތައް މިހާތަނަށް ދީފައިވާއިރު މި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ ލީޑަރަކު ވަނީ ޝަހީދުވެފައެވެ.

ނަމަވެސް މި ހުރިހާ ހަމަލާތަކެއް ދީ ފަލަސްތީނުގެ ލީޑަރުން މަރައިގެން ވެސް އިސްރާއީލަށް އަމާންކަމާއި ރައްކާތެރިކަން ހޯދިފައެއް ނުވެއެވެ. އަމާންކަމާއި ރައްކާތެރިކަން ހޯދުމުގައި އިސްރާއީލު ވަނީ މުޅިން ނާކާމިޔާބުވެފައެވެ. ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލަށް ރައްކާތެރިކަން ނުލިބޭނެކަމުގެ އިންޒާރު ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން ވަނީ ދީފައެވެ.