23 Jun 2012, 11:44
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލާ ނޭޝަނަލް އިންކްއަރީ ކޮމިޝަނުގައި ހިމެނިވަޑައިގެންނަވާ ސިންގަޕޫރުގެ ރިޓަޔާޑް ޖަޖް ޖަސްޓިސް ޖީޕީ ސެލްވަމް ފިޔަވާ ދެންތިއްބެވި ހަތަރު ބޭފުޅުންނަށް އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ކޮމިޝަނުގެ މެންބަރު ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ ފެބްރްއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުން މަސައްކަތް ކުރެއްވީ ހިލޭ ސާބަހަށް ކަމަށާއި ނަމަވެސް އަލުން ކޮމިޝަން އެކުލަވާލެވުމާއެކު ކޮމިޝަނުގައި ހިމެނިވަޑައިގެންނަވާ މެންބަރުންނަށް އެލެވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެން މަސައްކަތްކުރަމުން އައީ ހިލޭ ސާބަހަށް. އަލުން ކޮމިޝަން އެކުލަވައިލުމާއެކު ކޮންމެވެސް ވަރެއްގެ އިނާޔަތެއް ދޭނެކަމަށް ސަރުކާރުންވަނީ ބުނެފައި. އަދި ސަރުކާރުން ދެއްވަނީ ކިހާވަރެއް ކަމެއް ނޭނގޭ،" ޔާސިރު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކޮމިޝަނުގައި ކޯޗެއާ، ޖަސްޓިސް ސެލްވަމް ފިޔަވާ ދެންތިއްބެވި ބޭފުޅުންނަށް އިނާޔަތް ދޭން ނިންމާފައިވާ ކަމަށާއި ސެލްވަމަށް އިނާޔަތް ދޭނީ ކޮމަން ވެލްތުން ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އައްޔަން ކުރައްވާ ކޮމިޝަނުގެ ބޭފުޅުންނަށް 75000ރ. އަށް ވުރެ ބޮޑު ނުވާ އެލަވަންސެއް ދޭނެ ކަމަށާއި އެލަވެންސް ފައިސާ ކަންކަން ވަރަށް އަވަހަށް ފިނޭންސްުން ހަމަޖައްސާނެ ކަމަށެވެ.
ކޮމިޝަނަށް އަލަށް ގުޅިވަޑައިގެންނެވި ފަނޑިޔާރު ސެލްވަމް ވިދާޅުވީ އޭނާއަށް މުސާރައާ އިނާޔަތް ދެނީ ކޮމަން ވެލްތުން ކަމަށާއި ދިވެހި ސަރުކާރުން އޭނާއަށް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.
"އެންމެ ކުޑަމިނުން ސަރުކާރާއެކު ރޭގަނޑުގެ ކެއުމެއްގައި ވެސް ބައިވެރިއެއް ނުވަން،" ސަރުކާރުގެ އެއްވެސް މިންވަރެއްގައި ނުޖެހޭކަން ބަޔާން ކުރައްވަމުން ސެލްވަމް ވިދާޅުވި އެވެ.
އިންކްއަރީ ކޮމިޝަން އަލުން އެކުލަވައިލި އިރު އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އިސްމާއިލް ޝަފީއު އާއި ޑރ އިބްރާހިމް ޔާސިރު އަހުމަދާއި، ޑރ. އަލީ ފަވާޒު ޝަރީފާއި، ސިންގަޕޫރުގެ ރިޓަޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމާއި، ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ ގަހާ އަހުމަދު ސައީދެވެ.